އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ސްކޫލް ކުދިން ތަރުބިއްޔަތުކުރުމުގައި ޓީޗަރުން މިހާރުވެސް ކުރަމުން އަންނަ ބުރަ މަސައްކަތްތައް ފާހަގަކުރައްވައިފައެވެ.
ހަމައެހެންމެ އެމަނިކުފާނު ވަނީ ތައުލީމީ ދާއިރާއިން ތަމްރީނުތައް ހިންގައި މީހުން ބިނާކުރުމަށާއި އަދި ޓީޗަރުންނަށް ރަނގަޅު އުޖޫރައެއް ހަމަޖައްސައިދިނުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ދުނިޔެއަށް އަންނަ ބަދަލުތަކަށް ޓީޗަރުންވެސް ހޭނުމުގެ މުހިންމުކަން ފާހަގަކުރައްވައި އައު މައުލޫމާތާއި އިލްމު ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިޔަށްގެންދިއުމަށް ހިތްވަރުދެއްވިއެވެ.
އަދި ކުދިން ތަރުބިއްޔަރު ކުރުމުގައި މުޖުތަމައުގެ ތެރޭގައި ހުރި އެކި ނުރަނގަޅު އޮއިވަރުތަކުގައި ނުޖެހި ކުރިޔަށްދެވޭނެ މަގު ކުދިންނަށް ދައްކައިދީ ކުދިންގެ ތަރުބިއްޔަތަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެމަނިކުފާނު ޓީޗަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
”ކެމްބްރިޖް ޓީޗަރސް ޖޮބް-އެލައިކް ސެޝަން“ގެ ނަމުގައި ބޭއްވި މި މިފޯރަމަކީ، އިންޑިޔާގެ ޝްރީ އެޑިޔުކެއަރ ލިމިޓެޑްގެ މާލީ އެހީގައި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް އާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގުޅިގެން އިންތިޒާމުކޮށްފައިވާ ފޯރަމެކެވެ.
މި ފޯރަމަކީ މުދައްރިސުންގެ ފެންވަރުމަތި ކުރުމާ، އޯ ލެވެލަށް ކިޔަވައިދިނުމުގައި މުދައްރިސުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް މަޝްވަރާގެ އަލީގައި ޙައްލު ހޯދުމާ، އުނގަންނައި ދިނުމުގެ މާހައުލުން ކުރެވޭ ތަފާތު ތަޖުރިބާ ޙިއްސާ ކުރުމުގެ ތެރެއިން އުނގެނުން ފަހި ކުރުމުގެ މަގްސަދުގައި ބޭއްވި ފޯރަމެކެވެ.
މި ފޯރަމުގައި މާލޭ ސަރަހައްދުގެ ސްކޫލް ތަކުގެ ގްރޭޑް 10،9 އަށް ކިޔަވައިދެއްވާ 258 ޓީޗަރުން ބައިވެރިވިއެވެ.
މި ފޯރަމްގައި މައުލޫމާތު ދީފައިވާ މާއްދާ ތަކުގެ ތެރޭގައި އިނގިރޭސި ،ހިސާބު، ފިޒިކްސް، ކެމިސްޓްރީ ، ބައޮލޮޖީ، ގެ އިތުރުން އާރޓް އެންޑް ޑިޒައިން އަދި ކޮމްޕިއުޓަރ ސައިންސާއި މެރިންސައިންސް ހިމެނޭއިރު ފޯރަމުގެ ބައިވެރިންނަށް މައުލޫމާތު ދެއްވާފައި ވަނީ، ރާއްޖެއާ ރާއްޖޭން ބޭރުގެ ތަޖުރިބާކާރު ބޭފުޅުންނެވެ.
އެކި ސެޝަންތަކަށް ބަހާލައިގެން މިއަދު ބޭއްވި މި ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ މިފޯރަމްގައި ބައިވެރިވެރިވި ސްކޫލްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.
