އެމްއެމްއޭއިން ފެށިގެން ބީއެމްއެލް އަދި ދެން ވެސް ރާއްޖޭގައި އޮޕަރޭޓް ކުރާ ކޮމާޝަލް ބޭންކުތަކުން، ފަސޭހަ ކަމާއެކު އަތް ފޯރާ ފަށުގައި ލިބޭ ލޯން ސްކީމްތައް ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރެއްގައި ތައާރަފް ކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ ކުޅުދުއްފުށި ސިޓީގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ޑރ. މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަމަކީ ކޮންމެ ރައްޔިތެއްގެވެސް ހައްޤެއް ކަމަށާއި ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަށް ވާން ޖެހޭ ކަމަށެވެ.

ކުޅުދުއްފުށީގައި ވެސް އެންމެ ބޮޑު މައްސަލައަކަށް ދިމާވެފައި ވަނީ ގެދޮރުވެރިކަމުގެ މައްސަލަ ކަމަށާއި ގެދޮރުވެރިކަމަކީ ހަމައެކަނި ގޯތި ދިނުމާއި ފްލެޓް އެޅުން އެކަނި ނޫން ކަމަށް މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

މިގޮތުން ގޯއްޗެއް ދިނަސް ގެދޮރު ބިނާވެގެން ނުދާ ކަމަށާއި ސަރުކާރުގެ ބޭންކިންގެ ނިޒާމުގެ ތެރެއިން އެމްއެމްއޭ އަދި އެހެން ބޭންކްތަކުގައި ރައްޔިތުން އަތް ފޯރާ ފަށުގެ އެފޯޑަބަލް ހައުސިން ލޯން ލިބޭ ގޮތަށް ސަރުކާރުގެ ސިޔާސަތު ބައްޓަން ވާން ޖެހޭ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ ސަރުކާރެއްގައި އެމްއެމްއޭއިން ފެށިގެން ބީއެމްއެލް އަދި ދެން ވެސް ރާއްޖޭގައި އޮޕަރޭޓް ކުރާ ކޮމާޝަލް ބޭންކުތަކުން، ފަސް ޕަސެންޓްއަށް ވުރެ ކުޑަ އިންޓްރެސްޓް ރޭޓްގައި، އިކުއިޒިޝަން ފީ އަކީވެސް އަތް ފޯރާފަށުގެ އަދަދަކަށް ވާ ލޯނުތަކަކަށް ވެގެން ދާނެ ކަމަށާއި ވަކި ޝަރުތުތަކެއް ހަމަވެގެން އެ ލޯންތައް ލިބޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަދި ފުރަތަމަ ގެ އަޅާ ފަރާތަށް އިސްކަން ދެވޭނެ ކަމަށާއި ގެ އަޅަން ފަށާފައި ހުއްޓިފައި ހުރި ގެތައް ވެސް ހުންނައިރު އެ ތަންތަން ނިންމަން ވެސް ހާއްސަ ލޯނު ސްކީމުތައް ދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.