ވ.އާރަށް މައްސަލާގައި، އިދިކޮޅު ލީޑަރު ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ޙުކުމްގެ ޖޫރިމަނާ އާގުޅޭ ބައިގެ ޙުކުމް ތަންފީޒުކުރުން ފަސްކުރުމަށް ހައިކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ޖޫރިމަނާ ފަސްކުރި ނަމަވެސް ރައީސް ޔާމީންގެ ޖަލު ހައިކޯޓުން ފަސްކޮށް ނުދެއްވައެވެ.

ރައީސް ޔާމީންގެ ޖަލު ހުކުމް ފަސްކުރަން އެމަނިކުފާނުގެ ވަކީލުން ހައިކޯޓުގައި އެދިވަޑައިގެންނެވީ މީގެ ކުރިން ވެސް ބައެއް މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރުން ފަސްކުރަން ކޯޓުތަކުން އަމުރު ކޮށްފައި އޮތުމުންނެވެ.

ނަމަވެސް މިއަދު ހައިކޯޓުން ނެރުނު އަމުރުގައި ވިދާޅުވީ މީގެ ކުރިން ޖިނާއީ މައްސަލަތަކުގައި ކޮށްފައިވާ ޖަލު ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރެފައިވީ ނަމަވެސް ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ރައީސް ޔާމީން މައްސަލައިގެ އަލީގައި ޖިނާޢީ މައްސަލަތަކުގައި ދަށު މަރުހަލާގެ ކޯޓަކުން މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވާ ޖަލު ޙކުމް ތަންފީޒު ކުރުން ފަސްނުކުރެވޭނެ ކަމީ މިހާރު އިސްތިގުރާރު ވެފައިވާ ހަމައެއް ކަމަށެވެ. މިއަށް އަމަލުކުރަން ނުޖެހޭ ފަދަ ޤާނޫނޫ ސަބަބެއް ނުވަތަ މިއާ ދުރަށް ދާންޖެހޭ ފަދަ ޤާނޫނީ އުސޫލެއް ރައީސް ޔާމީންގެ ފަރާތުން ޝާރީޢަތައް ބަޔާން ކޮށްދެވިފައި ނެތް ކަމަށް ވެސް ހައިކޯޓުގެ އަމުރުގައިވެއެވެ.

ހައިކޯޓުގެ އަމުރުގައި ވިދާޅުވެފައި ވަނީ ޖިނާއީ މައްސަލަތަކުގައި ދަށު މަރުހަލާގެ ކޯޓަކުން މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވާ ޙުކުމް ތަންފީޒު ކުރުން ފަސްކުރުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވައިދުތަކާއި ޤާނޫނުލް އުޤޫބާތުގައި ބަޔާން ކޮށްފައިވާ މަބްދުއެއްކަމުގައި ނުވާއިރު، ޖިނާއީ އިޖުރާއަތުގެ ތެރެއިން މިފަދަ ޙޔކުމްތައް ތަންފީޒުކުރުން ފަސްނުކުރެވޭނެ ކަމަށް މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައި ވާތީ ރައީީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެން ޖެހޭ ޤާނޫނީ އަސާސެއް އޮތް ކަމުގައި ނުދެކޭ ކަމަށެވެ.