ސަރުކާރުގެ ”ބިންވެރިޔާ“ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ހޯދުމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުންގެ ލިސްޓު މިރޭ އާންމު ކުރަން ނިންމަވައިފިއެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ ގޯއްޗަށް އެދުނު މީހުންގެ ތެރެއިން 18،955 ފަރާތަކަށް ގޯތި ދޭން ނިންމައި އެ ފަރާތްތަކުގެ ނަމާއެކު ދާއިމީ ލިސްޓް މިރޭ އާންމުކުރައްވާނެ ކަމަށެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، މިރޭ ގޯތި ލިބޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށް، އަންނަ އަންގާރަ ދުވަހު ގުރުއަތު ނަގާނެ ކަމަށެވެ.

އަކްރަމް ވިދާޅުވީ މި ސްކީމްގެ ދަށުން ޖުމްލަ 18955 މީހުން ގޯތި ލިބޭ ކަމަށާއި، 684 މީހުންނަށް ގޯތި ނުލިބޭ ކަމަށެވެ.

އަދި ގޯތި ނުލިބެނީ 18 އަހަރާއި 25 އަހަރު ކައިވެނިނުކުރާ މީހުން ކަމަށް އަކްރަމް ވިދާޅުވިއެވެ.