މި ފަސް އަހަރުތެރޭ 20،000 އަށް ވުރެ ގިނަ ވަޒީފާ އިތުރުކުރެވިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ނ. ވެލިދޫގައ ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޒުވާނުންނަށް އެމީހުންގެ އުފެއްދުންތެރިކަމާއި އަމިއްލަ މަސައްކަތްތަކަށް ކަންތައްތަކެއް ސަރުކާރަށް ކޮށްދެވިފައިވާ ކަމަށާއި އެގޮތުން މި ފަސް އަހަރުތެރޭ 20،000 އަށް ވުރެ ގިނަ ވަޒީފާ އިތުރުކުރެވިފައިވާ ކަމަށެވެ.
ވިޔަފާރީގެ ދުނިޔެ އަށް ވަންނަން ބޭނުންވާ ފަރާތްތަކަށް 1،600 އަށް ވުރެ ގިނަ އެސްއެމްލީ ލޯނު ދޫކުރެވިފައިވާ ކަމަށާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 13 ބިޒްނަސް ސެންޓަރު ގާއިމުކުރުމާއި އޮތެންޓިކް މޯލްޑިވްސްގެ ހިދުމަތް ފުޅާކުރުމާއި އެސްއެމްއީ ހަބް މެދުވެރިކޮށް ވިޔަފާރި ނަފާ ހޯދުމުގެ މަގު ޒުވާނުންނަށް ތަނަވަސްކޮށްދެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ވައުދުވި ގޮތަށް އިންޓަނެޓުގެ އަގުހެޔޮކޮށްފައިވާ ކަމަށާއި މި ފަސް އަހަރުތެރޭ ޒުވާނުން ބަލައިގަންނާނެ ފަދަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ނަމަވެސް އަދިވެސް ކުރަން ހުރި ބައިވަރު ކަންކަން އެބަހުރި ކަމަށާއި ރިޔާސީ އިންތިހާބުގައި ވޯޓުލާއިރު ޒުވާނުންނަށްޓަކާ އެމްޑީޕީ ހުށަހަޅާ ސިޔާސަތުތަކާއި ވާދަވެރިން ހުށަހަޅާ ސިޔާސަތުތައް އަޅާކިޔާލަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
