ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިނުގެންފިނަމަ، އޭނާއަށް ފެނިވަޑައިގަންނަވަނީ ވަރަށް ނިކަމެތި ދުވަސްތަކެއް ކަމަށް ހޯމް މިނިސްޓަރު އަދި އެމްޑީޕީގެ ކޯލިޝަން ޕާޓްނަރު، އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.

ދިވެހި ޗެނަލްގައި ރޭ ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، މިހާރު ފަށައިފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވޭނީ ރައީސް ސޯލިހުއަށް ދެވަނަ ދައުރެއް ދީގެން ކަމަށާއި، އެއީ ރައްޔިތުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

”މިސާލަކަށް، އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ، އެންމެ ވާދަވެރި ކެންޑިޑޭޓެއްގެ ގޮތުގައި، ފަހަރުގައި، ޑރ.މުއިއްޒު. ހަމައެކަނި ކުރިމަތިލެއްވީ 3000 މީހުންގެ ޕާޓީއަކުން، ދެން އެމަނިކުފާނު ކުރިމަތިލައްވަން މި ޖެހެނީ ކޯލިޝަން ހަދާފައިވާ ޕީޕީއެމްއާ.“

އިމްރާން އިތުރަށް ވިދާޅުވީ، މުއިއްޒުއަށް ވެރިކަން ލިބިވަޑައިގަތަސް، ކުރިއަށް ވަޑައިނުގެންނެވިދާނެ ފަދަ ކަންކަން މިހާރު ވެސް ފެންނަމުންދާ ކަމަށެވެ.

އިމްރާން މިހެން ވިދާޅުވިއިރު، ޕީޕީއެމް-ޕީއެންސީގެ  ވެރިކަމެއްގައި ކުރިން ފަށާފައިވާ ތަރައްގީގެ އެއްވެސް މަޝްރޫއުއް ހުއްޓާނުލާނެކަމުގެ ޔަގީންކަން އެ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، މުއިއްޒު ވަނީ ދެއްވައިފައެވެ.