މި ސަރުކާރުގެ ސިޔާސީ ވައްޓަފާޅި، ވިލިމާލެ އާއި މާލެ އާއި ދެމެދުގައި އަޅާ ބްރިޖުން ފެންނަ ކަމަށް ޕީޕީއެމްގެ ނައިބު ރައީީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާާން މިހެން ވިދާޅުވީ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ މުހައްމަދު މުއުއްޒުގެ ރަނިންމޭޓް، ހުސެއިން މުހައްމަދު ލަތީފު(ސެމްބެ) ގދ.ފަރެސްމާތޮޑާއަށް ވަޑައިގެން، އެ ރަށުގައި ބޭއްވެވި ކެމްޕެއިން ޖަލްސާގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގައެވެ. އޭނާ ވަނީ މި ސަރުކާރުން އެއް ދުވަހުން، ދެ ދުވަހުން އަދި 100 ދުވަހުން ފުއްދައިދިނުމަށް ވެފައިވާ ވައުދުތަކުގެ ހާލަތު މިހާރު ފެންނަން ހުރި ކަމަށެވެ.
”ޖުމްލަ ގޮތަކަށް ބަލާލާނަމަ، މި ސަރުކާރުގެ ސިޔާސީ ވިސްނުމާއި، ވައްޓަފާޅިއަށް މާލެ އާއި ވިލިނގިއްޔާ ދޭތެރޭގަ އަޅާ ބްރިޖުން ފުދޭ. ބްރިޖެއް އަޅާނަމޭ ވިދާޅުވި، ފުރަތަމަ ދެ އަހަރު ތެރޭގައި އަޅާނަމޭ ވެސް ވިދާޅުވި. ދެން އަންނަ އަހަރު ފައްޓާ ވާހަކަ ވެސް ވިދާޅުވި.“
ޣައްސާން މިހެން ވިދާޅުވިއިރު، ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތް ކުރާ މީހުން ދޮލަނގު ބޭނުންކޮށްގެން، ކޮންކްރީޓް އަޅާ މަންޒަރު ފެންނަ ވީޑިއޯއެއް އާާންމުވެ، ބްރިޖްގެ ފެންވަރާއިމެދުގައި އެތައް ބަޔަކު ސުވާލު އުފެއްދިއެވެ.
ބްރިޖް މި އަހަރު ފެންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވިއިރު، މި އަހަރު ބްރިޖް ވިލިމާލެއާއި ހަމައަށް ގުޅައިލާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ކުރިން ވިދާޅުވިއެވެ.
