ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ހޯމަ ދުވަހު ފެށުމަށް ތާވަލު ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން ބުނެފައިވަނީ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އޮގަސްޓް 21 ވާ ހޯމަ ދުވަހަށް ތާވަލު ކޮށްފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނާގޮތުން މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެންވަނީ ތިން ދައުރަކަށެވެ.
އެގޮތުން ފުރަތަމަ ދައުރު ހިނގަނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރިލް މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު މޭ 16 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ކުރިއަށްދާނއިރު ތިންވަނަ ދައުރު އޮގަސްޓް މަހު 16 އިން ނޮވެމްނަރު މަހުގެ ނިޔަލަށް ހިނގާނެކަމަށް މަޖިލިސް ގަވައިދުގައި ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނީ މަޖިލިސް ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާ އެ މައްސަލަތައް ކުރިއަށް ނުގޮސްވަނިކޮށެވެ. އަދި ބަންޑާރަނައިބު އިބްރާހިމް ރިއްފަތު އަދި ފޮރިން މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް އޮތީ މަޖިލީހަށް ހުށަހަޅާފައެވެ.
އެ މައްސަލަތައްވެސް ކުރިއަށް ނުގޮސް މަޖިލީހުގައި ވަނީ ތާށިވެފައެވެ.
