ވެރިކަން ލިބިވަޑައިގެންފިނަމަ، އެންމެ އުފަލާއެކު އަދާ ކުރައްވާނެ ޒިންމާ އަކީ ގާނޫނީ އިމުގެ ތެރެއިން އިދިކޮޅު ލީޑަރު، ރައީސް ޔާމީން މިނިވަން ކުރުން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ ފ.ނިލަންދޫގައި މިރޭ ބޭއްވި ރިޔާސީ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނެވި މުއިއްޒު ރައީީސް ޔާމީން އަކީ ގައުމުގެ މިނިވަންކަމުގެ ހައްގުގައި ވަރުގަދަ ޖިހާދެއް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ވެރިކަމުގެ މި ދައުރުގެ ބޮޑުބައި، ރައީީސް ޔާމީން ހޭދަ ކުރައްވަން ޖެހިވަޑައިގަތީ ޖަލުގައި ކަމަށެވެ.

”1005 ‏ދުވަސް، މިއީ އަދަދުތަކަށް ވިޔަސް، ވަރަށް ވަރަށް ގިނަ ދުވަސް. އެހެންވީމަ، އެމަނިކުފާނުގެ އެ ހިތްވަރު ގަދަ، އެ ވަތަނީ މަސައްކަތަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ ގައުމީ ވިސްނުމެއްގައި އަތުކުރި އޮޅާލަން.“

މުއިއްޒު ވަނީ އެންމެން އެކަތިގަނޑަކަށްވެ، ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން މަސައްކަތް ކުރުމަށް ވެސް ގޮވައިލައްވައިފައެވެ.

”އެމަނިކުފާނަކީ(ރައީީސް ޔާމީނަކީ) ގައުމުގެ ތަރައްގީ ދުވަހަކު ވެސް ނުދެކޭ، އާ އުސްމިންތަކަކަށް ގެންގޮސްދެއްވި، ޓްރާންސްފޮމޭޝަނަލް ބޮޑެތި ބަދަލުތައް މި ގައުމަށް ގެނެސްދެއްވި ލީޑަރު“ މުއިއްޒު އިތުރަށް ވިދާޅުވިއެވެ.

މުއިއްޒުގެ ވާހަކައިގައި އެމަނިކުފާނުގެ ވެރިކަމެއްގައި ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ނުކުރައްވާނެ ކަމަށާއި، ރަށަކަށް ހިދުމަތް ދިނުމުގައި އެ ރަށެއްގެ ސިޔާސީ ކުލައަށަ ނުބައްލަވައި، އަދުލުވެރިވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން ފ.އަތޮޅުގެ ރަށްތަކުން އެދޭ ބައެއް ކަންކަން ފާހަގަކުރައްވައި، ޕީޕީއެމް-‏ޕީއެންސީގެ ވެރިކަމެއްގައި އެކަންކަން ކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.