ޑޮކްޓަރު ހުއްދަ ދިންހާ އަވަހަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ކެމްޕެއިން ފައްޓަވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެމްޕެއިނުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރޯގާ ޖެހިގެން ރައީސް ސޯލިހު ވަނީ ކެމްޕެއިން ދަތުރުތައް މެދުކަނޑުއްވައިލައްވައިފައެވެ. އެމްޑީޕީން ބުނީ ރައީސް ސޯލިހުއަށް ޑޮކްޓަރުން އަރާމު ކުރެއްވުމަށް އަންގަވައިފައިވާ ކަމަށެވެ. ރައީސްގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ދަތުރު ކުރެއްވުން ކަމަށާއި، އާލާސްކަންފުޅުން ރަނގަޅުވެ، ޑޮކްޓަރުގެ ހުއްދަ ލިބުނުހާ އަވަހަށް ކެމްޕެއިން އަލުން ފައްޓަވާނެ ކަމަށް ވެސް ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ ކެމްޕެއިނުގައި މިހާތަނަށް ގިނަ ރަށްތަކަށް ވަޑައިގެންފައިވާއިރު، ގިނަ ރަށްރަށުން ވަނީ އެމަނިކުފާނާ ދެކޮޅަށް މުޒާހަރާ ކޮށްފައެވެ. މި ފަދަ ހަރަކާތްތައް ހުއްޓުވުމަށް ފުލުހުން އަނިޔާވެރިކަން އިސްކުރާތީ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.
