ކުރީގެ ރައީސް ޔާމީންގެ ޝަރީއަތުގެ ތެރެއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަތްބާނާ ކަމަށް ދަ ޑިމޮކްރެޓްސްގެ ބާނީ މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިމިވަނީ ރައީސް ޔާމީންގެ ޝަރީއަތަށް އެއްވެސް ނުފޫޒެއް ނުވަތަ އަތް ބާނަން ބޭނުންފުޅުނުވާ ކަމަށް ރައީސް ސޯލިހު  ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ޑިމޮކްރެޓްސްގެ ރިޔާސި ކެމްޕޭނުގައި އިއްޔެ ހަވީރު ހއ. ދިއްދޫ އަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި އޮތުމަކީ އިންސާފެއް ނޫން ކަމަށާއި ވަގުތުން ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ.

އަދި ޝަރީއަތުގެ ތެރެއަށް އަތް ނުލެވޭނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެމަނިކުފާނު އަތް މިހާރުވެސް އޮތީ ޝަރީއަތުގެ ތެރޭގައި ތާށިވެފައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

”ހަގީގަތުގައި ވެފައި އޮތް ގޮތަކީ އަތްބޭނި ބޮނޑީގައި ފައްޓަރުގައި އަޅައިގަނެފައި އެ އޮތީ ތާށިވެފައި. އަތް އޮތީ ޝަރީއަތުގެ ތެރޭގައި،“ ނަޝީދު ވިދާޅުވިއެވެ.

ކޯޓުތަކުގެ ކަންކަން ބަލަހައްޓަމުންދާ ޖުޑީޝަލް ސާވިސް ކޮމިޝަނުގައި މަސައްކަތް ކުރައްވާކަން ފާހަގަކުރައްވަމުން ނަޝީދު ވަނީ ރާއްޖޭގައި ހިނގާ ކަންކަން އެމަނިކުފާނަށް އޮޅުވާލަން ނޫޅުއްވުމަށް ވެސް ގޮވާލާފައެވެ.