ހުޅުމާލޭގައި މީހުން ދިރިއުޅެން ކަނޑައަޅާފައިވާ ގޯތިތަކުގައި ހަތް ބުރީގެ ބަދަލުގައި 10 ފަންގިފިލާއަށް އިމާރާތް ކުރުމުގެ ހުއްދަ ދޭން އާބަންކޯ އިން ނިންމައި އިއްޔެ އެކަން އިއުލާންކޮށްފިއެވެ.

Ads by Asuru

ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ރަށް ކަމަށްވާ ހުޅުމާލެ އިން ދޫކޮށްފައިވާ ގޯތިތަކުގައި މިހާތަނަށް އެންމެ އުސްކޮށް ވެސް އިމާރާތް ކުރެވެނީ ޓެރަސް ހިމަނައިގެން ހަތް ބުރިއަށެވެ.

ނަމަވެސް އެ އުސޫލު ބަދަލުކޮށް، 10 ފަންގިފިލާއަށް މިހާރު އިމާރާތް ކުރެވޭނެ ކަމަށް އާބަންކޯ އިން ބުންޏެވެ. އެއީ ޓެރަސް ހިމަނައިގެންނެވެ. އެކަމަކު، ޕާކިން އަށް ދޫކުރާ ބޭސްމަންޓް އެ 10 ފަންގިފިލާގެ ތެރޭގައި ނުހިމެނެއެވެ.

”މި ގޮތުން 31 މީޓަރަށް މިހާރު ރެޒިޑެންޝަލް ޕްލޮޓްތައް ހިއްލޭނެއެވެ،“ އެ ކުންފުނިން މީޑިއާ އަށް ފޮނުވި ލިޔުމެއްގައިވެއެވެ.

މީގެ އިތުރުން ޕާކިންގެ އާ ޝަރުތުތައް އިތުރުކޮށް، އިމާރާތުގެ އިމުގެ ތެރޭގައި ޕާކިން ހެދުމަށްވެސް ވަނީ ކަނޑައަޅާފައެވެ. މިގޮތުން މަދުވެގެން ދެ ސައިކަލު ޕާކް ކުރާނެ ޖާގަ ކޮންމެ ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް ކަނޑައަޅަން ޖެހެއެވެ.

އަދި ކޮންމެ އެއް ކޮޓަރީގެ އެޕާޓްމަންޓަކަށް އެއް ސައިކަލު ޕާކް ކުރާނެ ޖާގަ ކަނޑައަޅަން ޖެހެއެވެ. މީގެއިތުރުން، ސައިކަލު ޕާކިންގެ ސައިޒެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މަދުވެގެން 0.8 އަކާއި ދެ މީޓަރެވެ.

އަދި ކާރު ޕާކިންގެ ގޮތުގައި ކަނޑައަޅާފައި ވަނީ މަދުވެގެން 2.5 އަކާއި 4.8 މީޓަރެވެ.

ގަވާއިދަށް ބަދަލު ގެނައުމަށް އާބަންކޯ އިން ނިންމާފައިވަނީ މާލެ ރައްޔިތުންނަށް ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރު ފަޅުން ގޯތި ދިނުމުގެ މަސައްކަތް ކުރިއަށް ދަނިކޮށެވެ.