ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކޮށްގެން ހައުސިން ސްކީމެއް ހިންގާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގެ މޭޔަރުކަންވެސް ކުރައްވާ މުއިއްޒު މިހެން ވިދާޅުވީ، ފ. ނިލަންދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަކޮށްގެން ގެދޮރުވެރިކަމުގެ އެއްވެސް މަޝްރޫއެއް މިހާތަނަށް ހިންގާފައި ނުވާ ކަމަށެވެ.

އެމަނިކުފާނުގެ ސަރުކާރެއްގައި އެންމެ ކުރީކޮޅު ފަށާ ހައުސިން މަޝްރޫއުތަކުގެ ތެރޭގައި ވަކި ހާއްސަ ކެޓެގަރީއެއްގެ ދަށުން ޓޫރިޒަމް މުވައްޒަފުންނަށް ގެދޮރުވެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖެ އަށް އާމްދަނީ ހޯދައިދިނުމުގައި އެންމެ ބުރަކޮށް މަސައްކަތް ކުރަނީ ޓޫރިޒަމް މުވައްޒަފުން ކަމަށާއި ރާއްޖެ އަށް އާމްދަނީ ލިބެނީ އެ މުވައްޒަފުން ކުރާ މަސައްކަތުގެ ސަބަބުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

”އެ މުވައްޒަފުންނަށް އަޅުގަނޑުމެންގެ ހައުސިން ޕްރޮގްރާމްތަކުގެ ތެރޭގައި ހާއްސަ ޕްރޮގްރާމެއް ގާއިމުކުރެވިގެން ދިޔުމަކީ ވަރަށް އިންސާފުވެރި ކަމެއް، ވަރަށް އަދުލުވެރިކަމެއް. އެފަދަ ހާއްސަ ހައުސިން ސްކީމެއް ހިންގާނެކަން ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޔަގީންކޮށް އަރުވަން،“ މުއިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ކަމާބެހޭ ގާނޫނުތައް އެކުލަވާލައިގެން ޓޫރިޒަމް މުވައްޒަފުންނަށް ރިޓަޔާމެންޓް ޕެންޝަން ސްކީމެއް ވެސް ތައާރަފްކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.