އަންހެނުންގެ އިހްސާސްތައް ދަންނަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިފަދައިން ވިދާޅުވީ ”އުފާވެރި އަންހެނުން- ޓީ ވިތު އިބޫ“ މި ނަމުގައި ބޭއްވި ކެމްޕެއިން ހަފްލާގައެވެ. އޭނާ ވިދާޅުވީ ށ.ފޯކައިދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމުކޮށް، އެ ރަށުގެ އިންޖީނުގެ އެހެން ތަނަކަށް ބަދަލު ކުރުމުން، އެ ރަށުގައި އުޅުނު ހަތަރު ކުދިންގެ މަންމައަކަށް އިންޖީނުގެ ދުމުން ސަލާމަތްވެވި، އެތައް ފަސޭހައެއް ލިބުނު ކަމަށެވެ. އެއަށްފަހު ރޮޒައިނާ ވިދާޅުވީ އަންހެނުންގެ އިހްސާސްތައް ދަންނަނީ ރައީސް ސޯލިހު ކަމަށެވެ.

”އަޅުގަނޑު މި ދައްކަނީ މައުސޫމާގެ ވާހަކަ އެކަންޏެއް ނޫން، އަޅުގަނޑު މި ދައްކަނީ އެތައްހާސް އަންހެނުންނެއް މި ރާއްޖޭގައި އުޅެމުން ދިޔަ ގޮތުގެ ވާހަކަ.“

މީގެ އިތުރުންވެސް ރޮޒައިނާގެ ވާހަކައިގައި އިތުރު އަންހެނުންގެ މިސާލުތައް ނަންގަވައި ވާހަކަ ދެއްކެވިއެވެ.

އަންހެނުންގެ އިހްސާސްތައް ދަންނަނީ ރައީސް ސޯލިހު ކަމަށް ރޮޒައިނާ ވިދާޅުވިއިރު، މި ސަރުކާރުން އަލަށް އުފަންވާ ތުއްތު ކުދިންނަށް ހަދިޔާ ފޮށި ދިނުން ފަދަ އާދައިގެ ވައުދުތައް ވެސް ފުއްދާފައިނުވާތީ، ގިނަ ބަޔަކު ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.