އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފިނަމަ، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 1،000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުވުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިނަށް މ. މުލަކުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުން ހައްޖަށް މީހުން ގެންދިއުމަށް އުފައްދާފައިވާ ކުންފުނި، ހައްޖު ކޯޕަރޭޝަން މިހާރު ހިންގަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި، އެ ކުންފުނި ހިންގުމަށް ބޮޑު ބަދަލެއް ގެންނަން ޖެހިފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ފޯރުންތެރިކަން ދަށް މީހުންނަށް ހައްޖުގެ އަޅުކަމަށް ހޭދަކުރަން ޖެހޭ ފައިސާ އިންސްޓޯލްމަންޓް އުސޫލުން ދެއްކޭނެ އިންތިޒާމު ވެސް ހަމަޖައްސައިދެއްވާނެ ކަމަށެވެ.
”ހައްޖު ފަންޑު އިންވެސްޓްކޮށްގެން ނަފާ ހޯދައި އެއީ މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް ހަދަން ޖެހޭ. ހައްޖަށް ގެންދިއުމުގެ އަގުތައް ވެސް ކުޑަކުރެވޭނީ އޭރުން،“ މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ޒަކާތު ފަންޑަކީ ވެސް އާންމުންނަށް އޭގެ ފައިދާކުރާ އެއްޗަކަށް ބަދަލުކުރުމުގެ ގޮތުން، މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ގާނޫނީ ބާރު ލިބޭ އޮފީހެއް ވެސް އުފައްދަވާނެ ކަމަށެވެ.
އޭރުން އެ ފަންޑުން އެކި ދާއިރާތަކަށް އިންވެސްޓްކޮށް، ފައިދާ އިތުރުވެ، ޒަކާތު ފަންޑަށް ލިބޭ ފައިސާ ވެސް އިތުރުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި މުއިއްޒު ވެވަޑައިގެންނެވި އިތުރު މުހިންމު ވައުދުފުޅުތަކުގެ ތެރޭގައި ޗައިނާގެ ޓޫރިސްޓުން އިތުރުކުރުމަށް މޯލްޑިވިއަން އެއާލައިންގެ ފްލީޓަށް އެކަމަށް ހާއްސަ މަތިންދާބޯޓެއް ހަމަޖެއްސުމާއި، ބޮޑު ކަންނެލީގެ ކިލޯއެއްގެ އަގު 80 ރުފިޔާ ގައި ކޮންޓްރޯލްކުރުމާއި، މަސްވެރިންނަށް ޕެޓްރޯލާއި ޑީސަލްގެ އަގު ކުޑަކޮށްދިނުމާއި، މިފްކޯގެ ހިއްސާ މަސްވެރިންނަށް ވިއްކުމާއި، މުލި-ނާލާފުށި ގުޅާލާ އެއް ކިލޯމީޓަރުގެ ކޯޒްވޭ ހެދުން ވެސް ހިމެނެއެވެ.
