އުރީދޫ މޯލްޑިވްސްގެ މަސް ރޭހުގެ އައްޑޫ ޗެމްޕިއަންކަން ފެހުރިހި ޓީމުން ހޯދައިފިއެވެ.
އެ ޓީމު މުބާރާތުގެ އައްޑޫ އެޑިޝަން އިއްޔެ ކާމިޔާބުކުރުމާ ގުޅިގެން ފައިސާގެ އިނާމަކަށް 25،000 ރުފިޔާ އާ އެކީ ޓްރޮފީއެއް ވެސް ލިބިފައިވެ އެވެ. އައްޑޫގެ އެޑިޝަންގެ ވަނަތައް ހޮވީ ރޭގައެވެ.
އެގޮތުން އެކަމަށްޓަކައި މަރަދޫ ބަނދަރުމަތީގައި ބޭއްވި ކުލަ ގަދަ ރަސްމިއްޔާތުގައި އުރީދޫ ކުންފުނީގެ ސީއީއޯ ޙާލިދު ހަސަން އަލް-ހަމަދީގެ އިތުރުން އުރީދޫގެ އިސްވެރިންނާއި އައްޑޫ މޭޔަރު އަލީ ނިޒާރު ބައިވެރިވެ ވަޑައިގެންނެވިއެވެ.
އުރީދޫ މަސް ރޭހުގެ އައްޑޫ އެޑިޝަންގެ ދެވަނަ ޓީމަކީ ޓީމު ހޮނޑެލިއެވެ. އަދި ތިން ވަނަ ހޯދީ ޓީމް ބަރަކޫޑާ އެވެ. މުބާރާތުގެ ވަނަތައް ހޯދި ޓީމްތަކަށް ބަލާ އިރު، ފެހުރިހި ޗެމްޕިއަންކަން ހޯދީ 220.9 ޕޮއިންޓާ އެކީގަ އެވެ. އަދި ހޮނޑެލި 141.6 ޕޮއިންޓުން ދެވަނަ ހޯދި އިރު، ބަރަކޫޑާ ތިން ވަނަ ހޯދީ 131.9 ޕޮއިންޓުންނެވެ.
ދެވަނަ ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާ އިރު، ތިންވަނަ އަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނެވެ.
މުބާރާތުގެ ޗެމްޕިއަންކަން ނެގުމުގެ އިތުރުން ޓީމް ފެހުރިހި ނަޖާ ވަނީ މި މުބާރާތުގެ އެންމެ ބަރު މަސް ބާނައިފައެ ވެ. އޭނަ ބާނާފައިވަނީ 5.5 ކިލޯގެ ކުރުމަހެކެވެ. އެހެންވެ ނަޖާ އަށް ސީ ގިއާގެ ފަރާތުން 875 ޑޮލަރުގެ އަގުހުރި ހަދިޔާއެއް ޕެކޭޖެއް ދީފައިވެއެވެ.
މުބާރާތުގެ އެންމެ މޮޅު އަންހެން ކެޔޮޅަކަށް ޓީމް ފެހުރިހައިގެ އަޒުލިފާ އަޒީޒަށް ލިބުނު އިރު، އެންމެ މޮޅު ފިރިހެން ކެޔޮޅަކީ ހެޕީ މާކެޓް ޓީމްގެ އިބްރާހީމް (ޑީޑީ)އެވެ.
މީގެ އުރީދޫ މަސް ރޭހުގެ ތާރީޙުގައި އަލަށް އައްޑޫން ކައްޓެޅިއެއް ބާނައިފައެވެ. ފުވައްމުލަކަށް ހާއްސަ އެ މަސް މަސް ރޭހުގައި ބޭނީ ކަރަކޫޑާގެ ޝާނީޒާއި ޝާނިޒާއި އަދި ޖިނާއެވެ.
އުރީދޫ މަސް ރޭހުގެ އައްޑޫ އެޑިޝަންގައި 7 ޓީމު ވާދަކުރި އެވެ. އެއީ ޓީމް އޭއޭއާރްސީ، ޓީމް ބަރަކޫޑާ، ޓީމް ފެހުރިހި، ޓީމް ހެޕީ މާކެޓް، ޓީމް ހޮނޑެލި، ޓީމް ސްކޫޕެ ކަންމަތި އަދި ޓީމް އެމްޓީސީސީ އެވެ.
އުރީދޫގެ 18 ވަނަ އަހަރީ ދުވަހާ ގުޅުވައި މި އަހަރުގެ މަސް ރޭސް ހާއްސަކުރީ ރާއްޖޭގެ ހަތަރު ސިޓީއަށެވެ. އެގޮތުން މުބާރާތް ފެށީ މި މަހުގައި މާލެއިންނެވެ. މުބާރާތް ނިންމައިލާނީ މި މަހުގެ 25 ގައި ފުވައްމުލަކުންނެވެ. ކުޅުދުއްފުށީގެ އެޑިޝަން ބޭއްވީ މި މަހުގެ 11 ގައެވެ.
