އިދިކޮޅު ލީޑަރު ރައީީސް ޔާމީން އަބްދުލްގައްޔޫމަކީ ރައްޔިތުންގެ ލޯ ލާރިއެއްގައި ވެސް ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަމަށާއި، އެމަނިކުފާނު އެކަން ސާބިތުކޮށްދެއްވަމުން އަންނަ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ރޭ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް މިހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިނުގައި ކ.ގުރައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝިޔާމް ވަނީ ޖަލު ހުކުމްތަކުން ނުފިއްލަވައި، ރައީީސް ޔާމީން އެމަނިކުފާނުގެ މައުސޫމްކަން ސާބިތުކޮށްދެއްވުމަށް ކުރައްވަމުން ގެންދަވާ ހިތްވަރަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފައެވެ.

”އެމްއެމްޕީއާރްސީގެ ވާހަކަ އަކީ، އެއީ ބޮޑު ޖޯކެއް، އެމްއެމްޕީއާރްސީގެ ވައްކަމުގަ ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ބޭފުޅުން މި ސަރުކާރާއި ހިސާބުން އެބޭފުޅުން ތިއްބެވީ ފިނި ކޮޓަރީގަ.“ ޝިޔާާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރިޔާސީ އިންތިހާބު ކައިރިވުމުން، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މޭސްތިރިން މިހާރު ވަނީ ސިންގަޕޫރަށް ފުރުވައިލައިފައި ކަމަށެވެ.

”ރައީސް ޔާމީންގެ މައްސަލައަކަށްވީ ދިވެހި ރައްޔިތުން އެމަނިކުފާނާ ހަވާލު ކުރެއްވި ރިޔާސީ ޓިކެޓު، އެ ޓިކެޓު އެމަނިކުފާނުގެ އަތްޕުޅުގައި އޮތީތީވެ، އެމަނިކުފާނު ކުށްވެރިއަކަށް މި ސަރުކާރުން ހެދީ.“

ޝިޔާމް ވިދާޅުވީ، ވ.އާރަށް މައްސަލައިގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުގައި ކަމަށާއި، އެ ހުކުމް ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ކުރައްވައިފައި ވަނީ، މި އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ކަމަށެވެ. އިސްތިއުނާފު އަޑުއެހުންތައް މެދުކަނޑައިލައިފައިވާތީ، އެކަމާ ކަންބޮޑުވުންފާޅު ކުރައްވައި ޝިޔާމް ވިދާޅުވީ މި ސަރުކާރުގެ އޯގާތެރިކަމެއް ނެތް ކަމަށެވެ.