އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލެވޭނެ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަން(އީސީ)އިން  އާންމުކޮށްފިއެވެ.

މި ލިސްޓު އީސީން މިހާރު ވަނީ ގެޒެޓު ކޮށްފައެވެ.

އީސީން އާންމު ކޮށްފައިވާ ލިސްޓުގައި، ވަކިވަކިން ފޮށިތަކަށް ވޯޓުލެވޭނެ މީހުންގެ ލިސްޓުތައް ވަނީ  އެކުލަވާލާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު އިއްޔެ ވިދާޅުވެފައިވަނީ ވޯޓުލާން ރަޖިސްޓްރީވެފައި އޮތީ ކޮންތާކުތޯ، ދުރާލައި ބެއްލެވުން އެދޭކަމަށެވެ.

“ޝަރުއީ ކޯޓަކުން އަމުރުކުރައްވައިގެން ނޫންގޮތަކަށް، ވޯޓުލާ މީހުންގެ މި ފައިނަލް ލިސްޓަށް އެއްވެސް ބަދަލެއް ނާންނާނެ” ހަބީބް ވިދާޅުވެފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ފައިނަލް ލިސްޓަކީ، އީސީގެ ވެބްސައިޓްގައި ދުވަހުން ދުވަހަށް އާންމުކުރަމުން، ސިޔާސީ ޕާޓީތަކާއި ލިސްޓު ހިއްސާ ކުރުމުގެ އިތުރުން، ޝަކުވާއަށް ހުޅުވައި، ޝަކުވާގެ މުއްދަތުގައި ލިބުނު ޝަކުވާތަކަށްވެސް ރިއާޔަތްކޮށްގެން، ފައިނަލްކުރެވިފައިވާ އެންމެ ފަހުގެ ލިސްޓު ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވޯޓު ލެވޭ އާބާދީއަކީ 282،395އެވެ.