ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ކުރިން އިއުލާން ކުރެއްވި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.

Ads by Asuru

މުނައްވަރަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 10 އަހަރު ވަންދެން ބަންޑާރަ ނައިބުކަން ކުރެއްވި ބޭފުޅެކެވެ.

އައްޑޫ ސިޓީ މީދުއަށް އުފަން ޑރ.މުނައްވަރު ވިދާޅުވީ އަންނަ މަހުގެ 9 ވަނަ ދުވަހުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އަށް ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގާބިލް ބޭފުޅެއް ކަމަށް ފެނިވަޑައިގަންނަވަނީ، މާލޭގެ މޭޔަރުކަން ވެސް ކުރައްވާ ފީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުއިއްޒު ކަމަށެވެ.

ޑރ. މުނައްވަރާއި އޭނާގެ ޓީމުން ފީއެންސީގެ ރިޔާސީ ކެނޑިޑޭޓް މުއިއްޒަށް ކެމްޕޭން ކޮށްދެއްވުމުގެ ފުރަތަމަ ދަތުރުގައި ޑރ.މުއިއްޒާއެކު މާދަމާ އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެއެވެ.

ޑރ. މުނައްވަރު ވަނީ 2007 ގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސްކަން ވެސް ކުރައްވައިފައެވެ.

ފަހުން އެ ޕާޓީން ވަކިވެ ދެން ގުޅިވަޑައިގަތީ ޖުމްހޫރީ ޕާޓީއާއެވެ. ފަހުން އެ ޕާޓީއާއިވެސް ދުރަށް ވަޑައިގަތީއެވެ.