އެތައް ސަތޭކަ ސަޕޯޓަރުންނާއިއެކުގައި، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުގެ ”ދިވެހީންގެ ރާއްޖެ“ މެނިފެސްޓޯ މިރޭ އިފްތިތާހު ކޮށްފިއެވެ.
މި މެނިފެސްޓޯ އަކީ 19 ބާބުގެ މައްޗަށް އެކުލެވިގެންވާ މެނިފެސްޓޯއެކެވެ.
މި ފަހަރުގެ މެނިފެސްޓޯގައި އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ، މުއިއްޒު ވިދާޅުވި ގޮތުގައި، ދިވެހީންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމުގައިވާ، ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ކުރުމަށެވެ.
މުއިއްޒު މިރޭ ވަނީ ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއްގައި ގެދޮވެރިކަމުގެ މައްސަލަ ހައްލު ކުރަން ރާވައިފައިވާ ގޮތް ވަރަށް ތަފްސީލުކޮށް ވިދާޅުވެދެއްވައިފައެވެ.
މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ މައްސަލަ އެހެން މައްސަލަތަކާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށާއި، އާއިލީ މައްސަލަތަކާއި، ކުށް ކުރުން އިތުރުވުމާއި، މަސްތުވާތަކެތީގެ މައްސަލަތައް ވެސް ގެދޮރުގެ މައްސަލައާއި އެކުގައި ހައްލުވާނެ ކަމަށެވެ.
”އަޅުގަނޑުމެން މި ނުކުތީ އިހްލާސްތެރިކަމާއެކު، ހެޔޮ ނިޔަތެއްގައި، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މި މަސައްކަތް ކާމިޔާބު ކުރަަން ރައްޔިތުން އެއްބާރުލުން ދޭނެކަން އަޅުގަނޑުމެން ޔަގީން ކުރަން.“
މުއިއްޒު ވިދާޅުވީ، ގައުމުގެ ގިނަ މައްސަލަތައް ގޮސް ގުޅެނީ މައި އެއް މައްސަލައާ ކަމަށާއި، އެއީ ގެދޮރުވެރިކަމުގެ މައްސަލަ ކަމަށެވެ. އެގޮތުން މި މައްސަލަ ހައްލު ނުކުރެވުމުން، އާއިލީ މައްސަލަތަކާއި، މަސްތުވާތަކެތީގެ މައްސަލަތަކާއި، ސިއްހީ ދުޅަހެޔޮކަމާއި ގުޅިފައިވާ މައްސަލަތައް ކުރިމަތިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
”ދިވެހިންގެ ރާއްޖެ“ މެނިފެސްޓޯގައި ހުރި ކަންކަމަކީ ހާސިލުކުރެވޭނެ ކަންކަން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
”އަޅުގަނޑުމެން ވައުދެއް ނުވާނަން އެ ވައުދެއް ފުއްދޭނެ ގޮތް ނޭނގިއެއް. އެކަން ކުރެވޭނެ ގޮތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެނގޭނެ. މެނިފެސްޓޯގަ ހުރި ކަންކަން އަޅުގަނޑުމެން ލިޔެފައިވާނީ އޭގެ ފަހަތުން އެތައް ގިނަ މަސައްކަތްތަކެއް ކުރެވުމަށްފަހު ކަރުދާހަށް ތިރިވީ.“
އެމަނިކުފާނު ވިދާޅުވި ގޮތުގައި އޭނާގެ އެންމެ މުހިންމު ސިޔާސަތަކީ ގެދޮރިވެރިކަމެވެ.
މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ އަސާސީ ހައްގެއް ކަމަށާއި އެމަނިކުފާނުގެ ސަރުކާރެއްގައި ގެދޮރުވެރިކަން ފޯރުކޮށްދިނުމުގައި ތަފާތެއް ނުކުރެވޭނެ ކަމަށާއި ކުޑަރަށެއް ބޮޑު ރަށެއް ބެލުމެއްނެތި، ގެދޮރުވެރިކަން ބޭނުންވާ ހުރިހައި ރައްޔިތުންނަށް ހާސިލްކޮށްދެއްވާނެ ކަމަށެވެ.
