މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއި ކިރިޔާ ވެސް ކައިރި ކޮށްލެވޭނީ ހަމައެކަނި ޕީއެންސީ ކަމަށް ރައީީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން، ދެވަނަ ދައުރަކަށް ވާދަ ކުރައްވާ ރައީީސް އިބްރާހީމް މިހެން ވިދާޅުވީ މިއަދު ބ.ގޮއިދޫގައި ދެއްކެވި ވާހަކަފުޅުގައެވެ.

ޕީޕީއެމް-ޕީއެންސީ‏‏ގެ ރިޔާސީ ކެންޑިޑޭޓަކީ ޑރ.މުހައްމަދު މުއިއްޒުއެވެ. ޕީއެންސީ އަކީ ފެށުނީީއްސުރެ ވެސް، ޕީޕީއެމްއާއި އެކުގައި، އެއް ފިކުރެއްގައި މަސައްކަތް ކުރާ ޕާޓީއެއް ނަމަވެސް، ރައީސް ސޯލިހު ވިދާޅުވީ ގިނަ ބަޔަކަށް ޕީއެންސީ ނުވެސް އެނގޭ ކަމަށެވެ.

”ބައެއް ފަހަރު ތިބޭފުޅުންނަށް އެނަން(ޕީއެންސީ) ވެސް ނޭނގިދާނެ، ނަމަވެސް ކަން ދިމާކުރި ގޮތުން، ޕީއެންސީ މިއަދު މިއޮތީ، ސިޔާސަތުތަކެއް އެބަ ހުށަހަޅުއްވާ، އެކަމަކު އެތާ ތިބީ އާ މޫނުތަކެއް ނޫން،“

ރައީީސް މިއަދު ވެސް ވަނީ ސިޔާސީ ވާދަވެރިން ހައްޔަރު ނުކުރައްވާ ކަމަށް ވިދާޅުވެ، އަނެއްކާ ވެސް އިތުރުފުޅެއް ހައްދަވައިފައެވެ. އިދިކޮޅު ކޯލިޝަންގެ ލީޑަރު، ރައީީސް ޔާމީން މިހާރު ވެސް ގެންދަވަނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވައިފައެވެ.

ރައީސް އިތުރަށް ވިދާޅުވީ ރަށްރަށުގައި މީހުން އުޅޭ ހާލަތު އެމަނިކުފާނުގެ ސަރުކާރަށް އެނގޭ ކަމަށާއި، ދެން ވެސް ކުދި އާބާދީތަކަށް ކަމެއް ކޮށްދޭނީ އެމްޑީޕީން ކަމަށެވެ.