ގެނެވުނު ޑިމޮކްރަސީ ކަމު ނުދާ ކަމަށާއި، ވޯޓުކޮޅު ވެސް ޖެހެނީ ގަންނަން ކަމަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ށ.ފޭދޫގައި ޖުމްހޫރީ ޕާޓީން ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީީސް ވަހީދު ވިދާޅުވި ގޮތުގައި، މި ސަރުކާރުން އުފެއްޑީ ކޮރަޕްޓް މީހުންނާއި ހިޔާނާތްތެރިންނެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ ސިޔާސީ ލީޑަރުންނަކީ މިއަދު ގައުމު ވިއްކާލާ ބަޔަކަށް ވެފައިވާ ކަމަށެވެ.

”(ލީޑަރުންނަކީ)ފައިސާކޮޅުގައި ޖެހޭ ބަޔަކަށް ވެއްޖެ. އެހެންވީމަ ކޮން ޑިމޮކްރަސީއެއްތޯ އަޅުގަނޑުމެންނަށް މި ގެނެވުނީ؟ މިއަދު ޑޮމޮކްރަސީ ހިންގުމަށްޓަކައި ފައިސާ ހަރަދު ކުރަން މި ޖެހެނީ. ވޯޓުކޮޅުވެސް ގަންނަން މި ޖެހެނީ“ ރައީީސް ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދު ވަނީ ސަރުކާރުން ބިލިއަނުން ލޯނު ނަގަމުންދާއިރު، އެއިން އެއްވެސް އެއްޗެއް ރައްޔިތުންގެ ޖީބަށް ނުވަންނަ ކަމަށް ވިދާޅުވެފައެވެ.

އިތުރަށް ވިދާޅުވީ އެމަނިކުފާނަށް ވެސް ގޭގައި އޮންނެވުނީސް ކަމަށާއި، އެހެންނަމަވެސް މި ގައުމަށްޓަކައި 40 އަށްވުރެ ގިނަ އަހަރު ހިދުމަތްކުރެއްވިއިރު، އެކަމުގެ ނަތީޖާ ނުފެންނާތީ، އަދިވެސް ކަންކަން ރަނގަޅު ކުރައްވަން ބޭނުންފުޅުވާތީ، ސިޔާސީ މަސައްކަތުގައި އުޅުއްވަނީ ކަމަށެވެ.