ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ވަކިވެވަޑައިގެންނެވި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރެއްވުމަށް ނިންމަވައިފިއެވެ.

އޭނާ އެމްޑީޕީން ވަކިވެވަޑައިގަތުމަށް ނިންމާ އެކަމުގެ ސިޓީ އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް މިއަދު ވަނީ ފޮނުވައިފައެވެ.

އެ ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ހުންނަން ބޭނުން ނުވާ ކަމަށާއި، އެހެންކަމުން އެޕާޓީގެ ދަފްތަރުން އޭނާ އުނި ކޮށްދެއްވުމަށް ސިރާޖު ވަނީ އެދިވަޑައިގެންފައެވެ.

ސިރާޖުގެ ޓްވީޓާގައި މިރޭ ޑރ. މުއިއްޒާއެކު ހުންނެވި ފޮޓޯއެއް ޕޯސްޓު ކުރެއްވިއެވެ.

އޭނާ ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީގދ ކެންޑިޑޭޓު މުއިއްޒަށް ތާއީދު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށާއި 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ލ. އަތޮޅުގެ މެޖޯރިޓީ އެމްޑީޕީ އަށް ލިބުނު ކަމުގައިވީ ނަމަވެސް މިފަހަރުގެ އިންތިހާބުގައި އެކަން ބަދަލު ވާނެ ކަމަށެވެ.

”2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ލާމު އަތޮޅުން އެމްޑީޕީ ކެނޑިޑޭޓް ކުރި ހޯދިކަމުގައިވިޔަސް މިއިންތިހާބުގައި އަޅުގަނޑުމެން އެކަން ބަދަލުކުރާނަން،“ ސިރާޖު ވިދާޅުވިއެވެ.

ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންނެވިއިރު، އޭނާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިން ހަރަކާތްތަކުން ފެނިފައެއް ނުވެއެވެ.