ބ. ތުޅާދޫގައި ސަރުކާރުން ހިންގާފައިވާ ތަރައްގީގެ ބައެއް މަޝްރޫޢުތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިފްތިތާހު ކޮށްދެއްވައިފިއެވެ.

ރައީސް މި މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވީ އެމަނިކުފާނު މިހާރު ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެރަށަށް ވަޑައިގެންނެވެ.

އެމަނިކުފާނު ވަނީ ތުޅާދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢާއި، އެރަށުގެ 100 ހައުސިންގ ޔުނިޓްގެ މަސައްކަތުގެ ނިމުން ފާހަގަކޮށްދެއްވައި، ފެނަކަ އައު އޮފީސް ހުޅުއްވައިދެއްވާފައެވެ.

ތުޅާދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ޙަވާލުކޮށްގެންނެވެ.

މި މަޝްރޫޢުގެ ދަށުން 140 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް އަދި 30 މީޓަރުގެ ޖިއޯބޭގް ގްރޮއިން ޖަހާފައިވެއެވެ.

ތުޅާދޫގައި ތަރައްޤީކުރި 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ކޮށްފައިވަނީ ޖޮއިންޓް ވެންޗަރ އުސޫލުން ޕްރިސިޝަން އިންޖިނިއަރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑް އަދި ފްލެކްސްއިން ޕްރައިވެޓް ލިމިޓެޑުންނެވެ. މި ހައުސިންގ ޔުނިޓްތަކަކީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.

ރައީސް  ހުޅުއްވައިދެއްވި ތުޅާދޫ ފެނަކަ އައު އޮފީސް ޢިމާރާތަކީ ރިސެޕްޝަން، ލޮބީ، މެނޭޖަރ ރޫމް، މީޓިންގ ރޫމް، ގެސްޓްރޫމް އަދި ޕޭންޓްރީ ހިމެނޭ ޖާގައިގެ ގޮތުން ތަނަވަސް އޮފީސް އިމާރާތެކެވެ.