ރައްޔިތުން އިހްތިޔާރު ކުރާނީ ބްރިޖް އެޅި ފަރާާތްތޯ، ނުވަތަ އަޅަން އުޅެ ނޭޅުނު ފަރާތްތޯ، ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ސުވާލު ކުރައްވައިފިއެވެ.

އައްޑޫ ސިޓީ ހިތަދޫގައި ރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވަނީ ބްރިޖް އެޅި ބަޔަކާއި، ބްރިޖު އަޅަން އުޅެ ނޭޅުނު ބަޔަކު ރައްޔިތުންނަށް ފެނިފައިވާ ކަމަށެވެ.

ހިތަދޫ އާއި ހުޅުމީދޫ ގުޅުވައިލައި ބްރިޖެއް އެޅުމަކީ، 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިނުގައި، އޭރު ޕީޕީއެމްގެ ކެންޑިޑޭޓް، ކުރީގެ ރައީސް ޔާމީންގެ ވައުދުފުޅެއްކަން ފާހަގަކުރައްވައި، ޕީޕީއެމް-ޕީއެންސީން އެކަން ފުއްދަވައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

”ރާއްޖޭގައި ބްރިޖް އެޅުމުގެ މަޝްރޫއުތައް މިހައިތަނަށް ފެނިފައިވާނެ، ބްރިޖެއް އެޅުނުތަނާ، އަޅަން އުޅެ ނޭޅުނުތަނާ ފެނިފަ ވާނެ، އެހެންވީމަ ރައްޔިތުން ހިޔާރު ކުރަންވީ ބްރިޖު އެޅި ފަރާާތްތޯ، އަޅަން އުޅެ ނޭޅުނު ފަރާާތަށްތޯ، ގައުމު ހަވާލު ކުރާނީ.“ މުއިއްޒު ވިދާޅުވިއެވެ.

ހިތަދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު އިތުރަށް ވިދާޅުވީ ޓޮޕް މެނޭޖްމަންޓްގައި ކަނބަލުންނަށް ލިބޭ ފުރުސަތުތައް އިތުރު ކުރައްވާނެ ކަމަށެވެ.

އަދި ޑޭ ކެއަރ ސެންޓަރތަކަށް ސަރުކާރުން އެހީތެރިވެދީގެން، އެތަންތަން ހަރުދަނާ ގޮތެއްގައި ހިންގޭނެ ނިޒާމެއް ގާއިމުކޮށްދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

“ކަނބަލުން އުފެއްދުންތެރިކަމުގެ ބާވަތްތައް މާރކެޓްކޮށް ވިއްކާނެ ކަނބަލުންގެ މާކެޓްތަކެއް ރާއްޖޭގެ ހުރިހައި ސިޓީއެއްގައި ގާއިމުކޮށްދޭނަން” މުއިއްޒު ވިދާޅުވިއެވެ.

ގްލޯބަލް އީކޮމާރސްގެ ތެރޭގައި ހިމެނޭ ސެލަރ އެކައުންޓްތައް ކްރިއޭޓް ކުރެވޭނެ ގޮތް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ހަދައިދޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.