ދައުލަތުގެ މީޑިއާއިން ބާއްވާ ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވުމުގެ ބަދަލުގައި، އެ ރޭ ޖަލްސާއެއް ބާއްވަވަން ރައީީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޓީމުން ނިންމައިފައިވާކަމުގެ އިޝާރާތެއް ކޮށްފިއެވެ.

ޕީއެސްއެމްގެ ރިޔާސީ ބަހުސް އޮންނާނީ ސެޕްޓެމްބަރު މަހުގެ 1 ގައެވެ. މިއީ ކެންޑިޑޭޓުންނާއި ވަރަށް ޗެލެންޖިން ސުވާލުތަކެއް ކުރިމަތިކުރުވާނެ ބަހުސްއެވެ.

ރައީީސް ސޯލިހުގެ ކެމްޕެއިން ތަރުޖަމާނު، އަދި ދިފާއީ ވަޒީރު މާރިޔާ އަހްމަދު ދީދީ މިއަދު ވިދާޅުވީ، އަންނަ މަހުގެ ފުރަތަމަ ދުވަހުގެރޭ  ރައީީސްގެ ކެމްޕެއިން ޖަލްސާއެއް، މާލޭގައި ބޭއްވުމުގެ ފުރުސަތު ލިބިގެން ހިނގައްޖެ ކަމަށެވެ. އެކަމަށް މާލެ ސިޓީ ކައުންސިލުން ހުއްދަ ދީފައިވާކަން ފާހަގަކުރެއްވިއެވެ.

ޖަލްސާގެ އިތުރު ތަފްސީލެއް ނުދެއްވިއިރު، ބެލެވޭ ގޮތުގައި އެ ރޭ ޖަލްސާއެއް ބާއްވަވާނެއެވެ.

މި އަހަރުގެ ރިޔާސީ ބަހުސްގައި ބައިވެރިވެވަޑައިނުގަތުމަށް ރައީީސް ސޯލިހު ނިންމެވިއިރު، އެމަނިކުފާނަކީ ގަނޑު ބައްލަވައިގެން ތަގުރީރުތައް ދެއްވާ ބޭފުޅެކެވެ. މިކަމަށް ގިނަ ބައެއްގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފައެވެ. ރައީސް ސޯލިހު ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވަވާތާވެސް އެތައް ދުވަހެއް ވަނީ ވެފައެވެ. ސަބަބެއް ކަމުގައި ބެލެވެނީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަން ދަތިފުޅުވުން ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.