ޝަންގްރިއްލާ ރިސޯޓް، 2024 ގެ ކުރީކޮޅު އަނބުރާ އޮޕަރޭޝަނަށް ގެންނާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، އިއްޔެ އައްޑޫ ސިޓީ ހުޅުދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މުއިއްޒުގެ ވާހަކަފުޅުގައި އައްޑޫގެ ފަތުރުވެރިކަން ކުރިއަރުވަން، އިއުލާން ކުރައްވާފައިވާ 6000 އެނދުގެ މަޝްރޫއު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.
އަދި އެ ސިޓީގައި ސީޕްލޭން ހަބެއް ގާއިމު ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އަދި ކައިރީއޮތް ޝަންގްރިއްލާ (ވިލިނގިލި) ރިސޯޓު ހުޅުވުމަށް ވަރަށް ބޮޑަށް ސަމާލުކަން ދީގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
“ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަން ވަރަށް ސަމާލުކަން ދީގެން، ފުރަތަމަ އަހަރު؛ 2024 ގެ ކުރީކޮޅު އިރާދަ ކުރެއްވީއްޔާ އަލުން އަނބުރާ އޮޕަރޭޝަނަށް ގެންނާނަން“ މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން އައްޑޫ އެއާޕޯޓު ފުޅާކޮށް ދުނިޔޭގެ އެކި މަންޒިލްތަކުން ފްލައިޓު ޖައްސާ އެއާޕޯޓަކަށް ހައްދަވައި ދެއްވާނެ ވެސް އެމަނިކުފާނު ކަމަށް ވިދާޅުވިއެވެ.