ށ. މިލަންދޫގައި އެއާޕޯޓެއް އަޅައި، އިސްލާމީ މަރުކަޒެއް ވެސް ގާއިމު ކޮށްދެއްވުމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
މިލަންދޫގައި އިއްޔެ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަމުން މުއިއްޒު ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމަކީ އޭގެ ނަފާ ރަނގަޅު ގޮތެއްގައި ބައްޓަން ކުރެވިއްޖެ ނަމަ، ރައްޔިތުންނަށް ފައިދާ ލިބޭނެ ކަމެއް ކަމަށެވެ.
އެހެންވެ، މިލަންދޫ ރައްޔިތުންގެ އުއްމީދު ކަމުގައިވާ އެއާޕޯޓު އެ ރަށުގައި އެޅުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވެ، އެކަން ކުރައްވާނެކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.
މިލަންދޫ ކައިރިން ރިސޯޓެއް ހަދާނެ ރަށެއް ނުފެންނަ ކަމަށާއި ނަމަވެސް ށ. އަތޮޅުގައި ރިސޯޓުތައް ހެދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަދި ޓޫރިސްޓު އެނދުތައް ށ. އަތޮޅުގައި އިތުރުކޮށް ޓޫރިޒަމްގައި ކުރިއަރައިގެންދާ އަތޮޅަކަށް ށ. އަތޮޅު ހެދުމަކީ ގްތިސާދީ ޕްލޭނުގައި އިސްކަންދޭނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
