ރައީީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކޮންމެ ކަމެއް ވެސް ކުރަނީ ނަމަކަށް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ ރޭ ށ.ފުނަދޫގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކައިގައެވެ.
ސަރުކާރަށް ފާޑުވިދާޅުވެ، ރަށްރަށުގައި ކުނި މެނޭޖުކުރުމަށް ދާއިމީ ހައްލެއް މިސަރުކާރަށް ހޯދައިދެވިފައި ނުވާ ކަމަށް ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ އެމަނުކިފާނުގެ ވެރިކަމެއްގައި މިފަދަ މައްސަަލަތަކަށް ހައްލު ހޯދައިދޭނެ ކަމަށެވެ.
ރައްޔިތުންނަށް ރައްޔިތުން ބޭނުންވާ އަސާސީ ހުރިހާ ކަމެއް ފުރިހަމަ ކޮށްދޭނީ އޭނާގެ ވެރިކަމެއްގައި ކަމަށް ވެސް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވި ފުނަދޫގައި އެއާޕޯޓެއް އެޅުމަށްފަހު އެރަށުގެ ތަރައްގީއަށް މިސަރުކާރު މާބޮޑު ކަމެއް ކޮށްދީފައއި ނުވާ ކަމަށާއި، އެ އެއާޕޯޓަށް ބޭނުންވާ ވަރަށް ގިނަ ހިދުމަތްތައް މިހާރުވެސް ނުލިބޭ ކަމަށެވެ.
އަދި އެއާޕޯޓަށް ގެންނަން ޖެހޭ ބައެއް ބަދަލުތައް ގެންނަން ޖެހޭ ކަމަށާއި، އިތުރަށް ތަރައްގީކުރަން ޖެހޭ ކަމުގައިވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ށ. އަތޮޅަށް އިގުތިސާދީ ގޮތުން ވަަރަށް ގިނަ ކުރިއެރުންތަކެއް ގެނެވޭނެ ކަމަށާއި، ސަރުކާރުން އެކަމަށް ވަރަށް ބޮޑަށް އިހުމާލުވާ ކަމަށެވެ.
އަދި ށ. އަތޮޅަށް ގެންނަން ޖެހޭ ތަރައްގީ ގެނައުމުގައި މިސަރުކާރު ފެއިލްވެފައިވާތީ ރައްޔިތުންގެ އުއްމީދުތައް އޮޔާ ގޮސްފައިވާ ކަމުގައިވެސް ވިދާޅުވިއެވެ.
