ގާނޫނު އަސާސީން ދިވެހި ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ، މިނިވަންކަމާއިއެކުގައި އެއްވެ އުޅުމުގެ ހައްގު އިތުރަށް ފުޅާ ކުރުމަށް ޕީޕީއެމް-ޕީއެންސީގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގެ 19 ‏ވަނަ ބާބު، ”ދުސްތޫރީ ގާނޫނީ އަދި ޝަރުއީ އިސްލާހު“ ވަނީ އެއްވެ އުޅުމަކީ އަސާސީ ހައްގެއް ކަމުގައި ބެލުމާއެކު، ކުރިއަރައިފައިވާ ގައުމުތަކުގެ މިންގަނޑުތަކަށް ރިއާޔަތް ކުރުމާއެކު، އިސްލާމީ ޝަރީއަތާއި ހިލާފު ނުވާ ގޮތަށް އެއްވެ އުޅުމުގެ ހައްގު ފުޅާ ކުރެވޭނެ ކަމަށެވެ.

ޕީޕީއެމް-ޕީއެންސީގެ މެނިފެސްޓޯގައި، އެއްވެ އުޅުމުގެ ހައްގު ފުޅާ ކުރަން ހިމެނިއިރު، ސުލްހަވެރިކަމާއި އެކު އެއްވެ އުޅުން ހަނިކުރާ މާއްދާ އުވާލުމަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލު، ރައްޔިތުން މަޖިލީހުގެ ކޮމެޓީ ސްޓޭޖްގައި ކުރިއަށް ނުގެންގޮސް މި ވެރިކަމުގައި މި ހިނގާ ފަސް އަހަރުގައި ވަނީ ބާއްވައިފައެވެ.

އެއްވެ އުޅުމުގެ ހައްގުތަކުގެ މައްޗަށް ފެށުނީއްސުރެވެސް ވަކާލާތު ކުރަމުންދާ އެމްޑީޕީގެ ވެރިކަމުގެ މި ދައުރު ނިމެން ކައިރިވީއިރު، އެ ޕާޓީގެ ސުޕަރ މެޖޯރިޓީ މަޖިލީހުގައި އޮވެމެ، އެ މާއްދާ ވަކި ނުކުރާކަން ފާހަގަކޮށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ސުލްޙަވެރިކަމާއެކު، ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމަކީ ގާނޫނުއަސާސީ އިން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ ހައްގަކަށް ވާއިރު، އެކަންކަމަށް މިސަރުކާރުން އިންތިހާއަށް ހުރަސް އަޅަމުންދާ ކަމަށް ވާދަވެރިން ބުނެއެވެ.

ި