ދައުރުގެ މެދުތެރެއިން އިންތިހާބެއް ބާއްވަން، އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމް ޝަރުތު ކުރައްވައިފައިނުވާ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު މިހެން ވިދާޅުވީ އޮންލައިން ނޫސް ”މިހާރު“އަށް ދެއްވި އިންޓަރވިޔުގައެވެ. މުއިއްޒު ވިދާޅުވީ ރައީސް ޔާމީން އެމަނިކުފާނަށް އިތުބާރު ކުރައްވާ ކަމަށާއި، އެހެން ސިޔާސީ ލީޑަރުން ވެރިކަމަށް ކުރިމަތިނުލެއްވޭ ހާލަތުގައި ޝަރުތުތައް ކުރިމަތިކުރެއްވި ގޮތަށް، ރައީސް ޔާމީން އަމަލު ކުރައްވައިފައިނުވާ ކަމަށެވެ.
”ރައީސް ޔާމީންގެ ކިބައިން(ނެތް) އެއްވެސް ޝަރުތެއް އައިސްފައެއް، އިނގޭތޯ. ހަމަ އެއްގޮތަކަށް ވެސް، ތިކަހަލަ މަޝްވަރާއެއް ވެސް ނުކުރެވޭ، ދެން އަދި ތީކީ ކުރެވޭނެ ކަމެއް ކަމަކަށް ވެސް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ.“ މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، އެމަނިކުފާނު ރާއްޖޭގެ ވެރިކަމަށް ކުރިމަތިލެއްވީ ގައުމު ހަމަ މަގަން އަޅުވަން ކަމަށާއި، އަދުލުވެރި، އިންސާފުވެރި ވެރިކަމެއް ކުރައްވަން ކަމުގައެވެ.
”ގައުމަށް ބޭނުންވާ ހަމަޖެހުން ގެނައުމަށްޓަކައޭ، ގައުމަށް ބޭނުންވާ ކުރިއެރުން ގެނައުމަށްޓަކައޭ.“
އެމަނިކުފާނުގެ ވިސްނުންފުޅު ހުންނާނީ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރައްވަން ކަމަށް ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
”އަޅުގަނޑަށް އިތުބާރު ކުރައްވަނީ ވެސް އެހެންވެގެން. އެހެންވީމަ، އެހެން އޮއްވައެއް، އެހެން ބައެއް ސިޔާސީ ބޭފުޅުން ކަންކުރެއްވި ގޮތަކަށް ވަކި ކަމެއް ކުރާށޭ، ވިދާޅެއް ނުވާނެ.“
މުއިއްޒު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް، އެކަން އޮންނާނީ އެގޮތަށް ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.
ދައުރުގެ މެދުތެރެއިން އިންތިހާބެއް ބާއްވަން ރައީސް ޔާމީންގެ ފަރާތްޕުޅުން އެންގެވުމެއް އައި ކަމަށް ވާހަކައެއް ދެކެވޭނަމަ، އެއީ ޒައްރެއްގެ މިންވަރު ވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށް ވެސް، ރައީީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވިއެވެ.

އަނެއްކާ ބަރުލަމާނީ ނިޒާމެއް ގެނެސް ޔާމީނަށް ބޮޑުވަޒީރުކަން ދެނީބާ! ޔާމީނަކީ އެދުމެއް ނެތި ވެދުމެއް ކުރާ މީހެއް ނުން. މުޢިއްޒު ނުބުންޔަސް ކޮންމެވެސް ޑީލެއް އޮނާނެ!