ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން(ޕީއެންސީ)ގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒު މިއަދު ފުވައްމުލައް ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލް، މީޑިއާތަކަށް މައުލޫމާތު ދެއްވަމުން، ރޭ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިއަދު ހަވީރު މުއިއްޒު ފުވައްމުލައް ސިޓީއަށް ވަޑައިގަންނަވާނެ ކަމަށެވެ.
އެ ސިޓީގައި މިރޭ ކެމްޕެއިން ޖަލްސާއެއް ވެސް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މާދަމާ ހެނދުނު ގދ އަތޮޅަށް ވަޑައިގަންނަވާއިރު، އެމަނިކުފާނު ހެނދުނު އެންމެ ފުރަތަމަ ގައްދޫއަށް ވަޑައިގަންނަވާނެއެވެ. އެއަށްފަހު މަޑަވެލި، ހޯޑެއްދޫ އަދި ތިނަދުއަށް ވަޑައިގެން، އެ ރޭ އެރަށުގައި ކެމްޕެއިން ޖަލްސާއެއް ބާއްވަވާނެއެވެ.
އަދި ހޯމަ ދުވަހު، ގއ އަށް ކުރައްވާ ދަތުރުފުޅުގައި، ގެމަނަފުށި، ދާންދޫ އަދި ވިލިނގިއްޔަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ. އަދި ހޯމަދުވަހުގެރޭ ވިލިނގިލީގައި ހާއްސަ ޖަލްސާއެއް އޮންނާނެއެވެ.
މުއިއްޒުގެ ރިޔާސީ ކެމްޕެއިން ވަރަށް ފޯރިއާއިއެކުގައި ކުރިއަށްދާއިރު، ރޭ މާލޭގައި ވަނީ ޖަގަހައެއްވެސް ހުޅުވައިފައެވެ.
