މިއީ ދިވެހިރާއްޖޭގެ ގައުމީ ވެރިކަން އިޔާދަ ކުރަން ލިބޭނެ އެންމެ ފަހު ފުރުސަތަށް ވެގެންދާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުއަށް ތާއީދު ކުރައްވާކަން ހާމަކުރެއްވުމަށް ފަހު، ޝަހީމް ވަނީ މުއިއްޒުގެ ރިޔާސީ ކެމްޕެއިނާ ގުޅިވަޑައިގަންނަވައިފައެވެ.
ކެމްޕެއިނުގައި ފުވައްމުލަކު ސިޓީއަށް ވަޑައިގެން، އެ ސިޓީގައި ބޭއްވި ބޮޑު ޖަލްސާގައި ވަރަށް ފޯރީގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވި ގޮތުގައި، އެމަނިކުފާނު މީގެ 18 ވަރަކަށް އަހަރު ކުރިން ވެސް މުއިއްޒު ދެނެވަޑައިގަންނަވައެވެ.
”އެހެން އިބާރާތަކުން ދަންނަވަނީނަމަ، ދެ މީހުންނަކީ އެކުއެކީގައި އުދުހެމުން ދިޔަ ދެ ދޫނި.“ ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވަނީ ދެ ސަރުކާރެއްގައި އެމަނިކުފާނާއި މުއިއްޒު އެކުގައި، ކެބިނެޓުގައި މަސައްކަތް ކުރައްވައިފައިވާނެކަން ފާހަަކުރައްވައިފައެވެ.
”އެހައި މުރާލި، އިލްމީ ބޭފުޅެއް، ކެބިނެޓްގައި ނުހުންނާނެ އެ ނޫނިއްޔާމު. ކެރިގެން މި ދަންނަވަނީ.“
ޝަހީމް ވިދާޅުވީ މުއިއްޒު އަކީ އިދިކޮޅު ކޯލިޝަންގެ ރައީސް ޔާމީން އެންޑޯޒް ކުރައްވައިފާ ކެންޑިޑޭޓް ކަމަށާއި، އެމަނިކުފާނު އެންޑޯޒް ކުރެއްވުމުން، ”ޗުކުޗުކު ލައްވަން ނުޖެހޭ“ ކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ މުއިއްޒު ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ”ކޮމްޕްރޮމައިޒް“ ނުކުރައްވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މުއިއްޒު ހޮވަން ލިބޭ މި ފުރުސަތަކީ ގައުމީ ވެރިކަން އިޔާދަ ކުރަން ލިބޭނެ އެންމެ ފަހު ފުރުސަތު ކަމުގައި ވެސް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ސިޔާސީ ފިކުރު ތަފާތު ވިޔަސް، ގައުމުގެ މިނިވަންކަން ނެގެހެއްޓުމަށްޓަކައި، އެންމެން އަތުގުޅުވައިލަން ޖެހޭ ކަމަށެވެ.
