ރައީީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް އެމަނިކުފާނުގެ ”ކޯލިޝަން“ ހިންގަވަން އެނގިވަޑައިގެންނެވިޔަސް، ގައުމު ނުހިންގަވާ ކަމަށް ވިދާޅުވެ، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެމްޕެއިނުގައި، ގދ.ތިނަދޫގައި ރޭ ބޭއްވި ޖަލްސާގައި ޝަހީމް ވިދާޅުވީ، ރައީސް ސޯލިހު އަކީ ކޯލިޝަން ހިންގަވާ ރައީސްއަށް ވެވަޑައިގެންފައި ވަނީ، ވަޒީފާތައް ދެއްވައިގެން ކޯލިޝަން ހިފަހައްޓަވާތީ ކަމަށެވެ.

އިދިކޮޅު ލީޑަރު، ރައީީސް ޔާމީންގެ ވެރިކަމުގައި ސައުދީއަރަބިއާގެ އެހީގައި ހިންގަވައިފައިވާ ބައެއް މަޝްރޫއުތަކަށް އަލިއަޅުވައިލައްވައި، ޝަހީމް ވިދާޅުވީ، އެ ކަންކަމުން އެނގެނީ ސަރުކާރަކުން ބޭނުންވެއްޖެ ނަމަ، ރައްޔިތުން އެދޭ ކަންތައް ކޮށްދެވޭނެކަން ކަމުގައެވެ.

ޝަހީމްގެ ވާހަކަ ފައްޓަވަމުން، ތިނަދޫގައި ރައީސް ޔާމީންގެ ސަރުކާރުން އެޅި އިސްލާމީ މަރުކަޒުގެ ހާލަތާއިމެދުގައި ވަރަށް ބޮޑަށް ކަންބޮޑުވުންފާޅުކުރައްވައި، އެތަން އެދިގޮވަނީ ޕީޕީއެމް-‏ޕީއެންސީގެ ވެރިކަމަކަށް ކަމުގައި ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ރާވައިފައި އޮތީ، ތިނަދޫ އިސްލާމި މަރުކަޒު، ހުވަދު އަތޮޅުގެ އިސްލާމިކް ޔުނިވަރސިޓީގެ ގޮފިކަމުގައި ހެދުމަށްކަން ޝަހީމް ހަނދުމަކޮށްދެއްވިއެވެ.

”ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކަމަށްޓަކައި ފޮނުވައިފައިވާ ސިޓީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއި އިސްލާމިކް ޔުނިވަރސިޓީގައި އޮންނާނެ.“

”ފަސް އަހަރު ވެގެން ދިޔައީ، ފަސް އަހަރު ވެގެން ދިޔައީ، ތިނަދޫގެ ލޮބުވެތި ރައްޔިތުން ވިދާޅުވެބައްލަވާ، ކޮބައިތޯ އިސްލާމީ މަރުކަޒުގެ މަގްސަދު؟“

”މިހެން ދެންނެވީމަ ބައެއް ބޭފުޅުން ކޯފާ ވެދާނެ. ކޯލިޝަން ހިފަހައްޓަވާ ރައީސްއޭ އެއީ، މާތް ރައީސްއޭ، ކޯލިޝަން ހިފަހައްޓަނީ، އޭގެ ވާހަކަ މި ދައްކަނީ ކިހިނެއް ވެގެން، އެއީ ވަރަށް ގިނަ، ބައިވަރު މީހުންނަށް ވަޒީފާ ދީގެން އޭގެ ބޭނުންކުރަމުންދާކަމުގެ ވާހަކަ. ގައުމު އެ އަސާސްތަކުގެ މައްޗަށް ގާއިމުވެފައިވާ މަގްސަދުތަކާއި އެއްގޮތަށް ގައުމު ހިންގާ ވާހަކައެއް މިއަކުއެއް ނާދެއޭ.“ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން، ޝަހީމް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު، އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމުގެ ހުވާ ކުރައްވާ ދުވަހު، ތިނަދޫގެ އިސްލާމިކް ސެންޓަރަކީ، އިސްލާމިކް ޔުނިވަރސިޓީގެ ގޮތުގައި ކަނޑައެޅިގެންދާނެ ކަމަށެވެ.

”އެތަން އެހުރީ ވީރާނާވެފައި، އެ ދަނީ ހަލާކުވަމުން. އެތަން ބޭނުމެއް ނުކުރެވޭ، އެތަނުގެ ކްލާސް ރޫމްތައް ބޭނުމެއް ނުކުރެވޭ އެތަން އުފެއްދި މަގްސަދާ އެއްގޮތްވާ ގޮތުގެ މަތިން“

މީގެ އިތުރުން ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި، ހަ ދުވަހުގެ ތެރޭގައި ތިނަދޫގައި 50 ހެކްޓަރުގެ ބިން ހިއްކެވިއިރު، އެ ބިންތަކުގެ ބޭނުމެއް ކުރެވެމުން ނުދާ ކަމަށެވެ.

ޝަހީމްގެ ވާހަކައިގައި މުއިއްޒު އަކީ ރައީސް ޔާމީންގެ ސިޔާސީ މަދަރުސާގެ ދަރިވަރެއް ކަމަށް ވިދާޅުވެ، އެންމެން އެމަނިކުފާނުގެ އަތްޕުޅުގައި ހިފުމަށް އެދިވަޑައިގެންނެވިއެވެ.