ސަލަފު ޖަމުއިއްޔާއާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުއާއި ގުޅުމެއް އޮތްނަމަ، މައްސަލައަކީ ކޮބައިތޯ، ޝެއިހު ޝަފީއު ސުވާލު ކުރައްވައިފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ތަރުޖަމާނު، މާރިޔާ އަހްމަދު ދީދީ، ތަކުރާރުކޮށް ދައްކަވާ އެއް ވާހަކައަށް ވެފައިވަނީ، ސަލަފާއި މުއިއްޒުއާއި ގުޅުން އޮތް ކަމަށް ތުހުމަތުކޮށް ދައްކަވާ ވާހަކަތަކެވެ.

މާރިޔާ ވިދާޅުވާ ގޮތުގައި، މުއިއްޒު އަކީ ޕީއެންސީ/ސަލަފުގެ ކެންޑިޑޭޓެވެ. ސަލަފަކީ ސިޔާސީ ކަންކަމުގައި ނޫޅޭ، ދީނީ ޖަމުއިއްޔާ އަކަށްވާއިރު، މާރިޔާގެ މި ތުހުމަތުތައް މުއިއްޒު ދޮގު ވެސް ކުރެއްވިއެވެ. މުއިއްޒު ކުރިން ދެއްވި އިންޓަރވިޔުއެއްގައި ވިދާޅުވެފައިވާ ގޮތުގައި، ދީން ހިމާޔަތް ކުރާ ކަމަށް ބުނާ އަދާލަތު ޕާޓީ އާއިއެކުގައި ކޯލިޝަން ހަދައިގެން އުޅެނީ މި ސަރުކާރުންނެވެ. އެމަނިކުފާނާއި ސަލަފާއި ގުޅިގެން މަސައްކަތް ކުރަން އެއްވެސް މަޝްވަރާއެއް ވެސް ކޮށްފައިނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޝެއިހު ޝަފީއު މިކަމާ ގުޅިގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މުއިއްޒުއާއި ސަލަފާއި ގުޅުމެއް އޮތްނަމަ ވެސް، މައްސަލައަކީ ކޮބައިކަން އޭނާއަށް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

”ވިސްނާވިސްނާ އަހަރެންނަށް ނުވިސްނުނު ނުކުތާއަކީ ޑރ. މުޢިއްޒާ ޖަމިއްޔަތުއްސަލަފާ ގުޅުމެއް އޮތީޔޯ؟ ނުވަތަ އޮންނަނީޔޯ؟ ނުވަތަ މުޢިއްޒުގެ އަނބިކަނބަލުންނަކީ ސަލަފު ރައީސް ޝެއިޚް ޢަބްދުﷲގެ އުޚްތަކަށްވާތީޔޯ؟ ކޮބައިތޯ އެ ކަމުގައި މައްސަލައަކީ؟ ގުޅުމެއް އޮތަސް؟ އަދި ނެތަސް؟ ސަލަފަކީ ޓެރަރިސްޓު ޖަމާޢަތެއްތޯ؟ އެހެންވިއްޔާ، ރާއްޖޭގެ ތިބި ހައްދުފަހަނައަޅާފައި ތިބި މީހުންނާއި ޖަމާޢަތްތަކުގެ ލިސްޓު ނެރުއްވި އިރު ސަލަފުގެ ނަން ނުހިމެނުއްވީ ކީއްވެތޯ؟ ޑިފެންސު މިނިސްޓަރު ކަމުގައި މާރިޔާ ހުންނަވާތާ 5 އަހަރު ހަމަވަނީ ނޫންތޯ؟ ސަލަފަކީ ތިހާ ނުރައްކާތެރި މަދަނީ ޖަމްޢިއްޔާއަކަށް ވަންޏާ، ކީއްވެތޯ ފިޔަވަޅު ނޭޅުއްވީ؟ އަދި ނާޅުއްވާ ތިޔަ ހުންނަވަނީ؟ ކިހިނެއް ވެގެންތޯ ތިޔަ އުޅުއްވަނީ؟ ކޮބައިތޯ މައްސަލައަކީ؟“ އޭނާ ލިޔުއްވައިފައިވެއެވެ.

ސަލަފު ޖަމްޢިއްޔާގައި ތިބީ ރާއްޖޭގެ މުޙްތަރަމު ޝެއިޚުން ކަމަށާއި، މާރިޔާ ޖޯކުޖައްސަވާ ވިދާޅުވި މުހައްމަދު ލަތީފް އަކީ ރާއްޖޭގެ ކުދިބޮޑު އެންމެހާ ރައްޔިތުން އިހްތިރާމުކުރާ ޝެއިހެއް ކަމަށް ވެސް ޝެއިހުގެ ޕޯސްޓުގައިވެއެވެ.

”އިސްލާމީ މަރުކަޒުގެ ކުރީ އިމާމެވެ. މިހާރު ވެސް ތަޢުލީމީ އަދި ދީނީ އެކިއެކި ރޮނގުރޮނގުން ރަނގަޅު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ރާއްޖޭގައި މިހާރު ހުންނެވި އެންމެ ސީނިއަރ އެއް ޝެއިޚެވެ. އަދި ޝެއިޚުންގެ މެދުގައި ވެސް އެންމެ ބޮޑަށް އިޙްތިރާމު ލިބިވަޑައިގެން ހުންނެވި އެއް ބޭފުޅާއެވެ. ޑރ. މުޢިއްޒުގެ އަނބިކަނބަލުން ޝެއިޚް މުޙައްމަދު ލަޠީފަށް ބޮޑުބޭބޭއޭ ވިދާޅުވާން ޖެހުން އެއީ ހަމަ އެހާ ނިރުބަވެރިކަމެއްތޯ؟“ ޝަފީއު ވިދާޅުވިއެވެ.

ސަލަފަކީ ވެސް ރާއްޖޭގައި ދީނީ ހޭލުންތެރިކަން ފެތުރުމަށް ޓަކައި ރެއާއި ދުވާލު މަސައްކަތްކުރައްވާ، މުޅި ރާއްޖޭ ގަބޫލުކުރާ މުޙްތަރަމު އަބުރުވެރި އަހްލާގް ރަނގަޅު ޝެއިޚުންތަކެއް ތިއްބެވި މަދަނީ ޖަމްޢިއްޔާއެއް ކަމަށް ވެސް ޭއޭނާ ވިދާޅުވިއެވެ.

”ޝެއިޚް އަޙްމަދު ސަމީރާއި، ޑރ. ޢަލީ ޒާހިރާއި، ޝެއިޚް ޢަބްދުﷲ ބުނު މުޙައްމަދާއި، ޝެއިޚް ޙަސަން މޫސާ ފިކްރީއަކީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި ރާއްޖޭގެ ދީނީ ޢިލްމުވެރީންގެ ވެސް ލޯތްބާއި އިޙްތިރާމު ލިބިވަޑައިގެން ތިއްބެވި މުޙްތަރަމު މުރޫވަތްތެރި ޝެއިޚުންނެވެ“

ޝަފީއު ވަނީ، ސަލަފާއި މުއިއްޒާ ގުޅުމެއް އޮތިއްޔާ އެއީ މި ޤައުމަށް މާ ނުރައްކާތެރިކަމަކަށް ވީ ގޮތެއް ހަމަ ވިސްނާވިސްނާ ނޭނގުނު ކަމަށް ވެސް ވިދާޅުވެފައެވެ.