ސިލްސިލާ ގޮތެއްގައި ބާއްވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަށް ފާޑުވިދާޅުވަމުން ގެންދަވާތީ، ޕީއެންސީގެ ރައީސް އަބްދުއްރަހީމް ރައްދު ދެއްވައިފިއެވެ.
ރޭ ގއ.ވިލިނގިލީގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވަނީ މާރިޔާގެ ވާހަކަ، ދެއްކުމަށްވުރެ، ނުދެއްކުން ރަނގަޅުވާނެ ކަމަށެވެ.
”ގާނޫނު އަސާސީއަށް ކޮޅުފައިން އަރައިފައި ހުރި މީހެއް، މާރިޔާ އަކީ. ދެން އެބަ ވިދާޅުވޭ، ޑރ.މުހައްމަދު މުއިއްޒު، ޕީއެންސީގެ ކެންޑިޑޭޓޭ އަދި ވިދާޅުވަނީ، އެއީ ދަށްކޮށްލަން ވެގެން. ޕީއެންސީގެ ކެންޑިޑޭޓޭ، ޕީއެންސީގެ ކެންޑިޑޭޓަށް ވެރިކަން ލިބިއްޖެއްޔާ، ރައީސް ޔާމީން މިނިވަނެއް ނުވާނޭ،“
”އަޅުގަނޑު މާރިޔާއަށް ދަންނަވާލަން ބޭނުން، ޕީޕީއެމް-ޕީއެންސީގެ ސިޔާސަތު ހާމަކުރަން މާރިޔާ ތިއީ ކާކުހެއްޔޭ؟ އޮޅިގެން ނޫޅޭށޭ، އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނަކަށް ހުންނާށޭ.“ އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް މާރިޔާއަށް ގޮވައިލެއްވީ، ޑރ.މުއިއްޒު އާއި ރައީީސް ޔާމީން ޖައްސައިލަން އެއްވެސް މަސައްކަތެއް ކުރައްވަން ނޫޅުމަށެވެ. އޭނާ ވިދާޅުވީ، ޕީޕީއެމް-ޕީއެންސީގެ ސަރުކާރެއް ހިނގަމުންދާނީ، ރައީީސް ޔާމީންގެ މަޝްވަރާއާއި ލަފަޔާއިއެކުގައި ކަމަށެވެ.
