ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅައި ދެއްވާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
ގއ. ވިލިނގިލީގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ހުވަދު އަތޮޅަށް އިންޓަނޭޝަނަލް އެއާޕޯޓެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށާއި، ހާއްސަކޮށް ހުވަދު އަތޮޅުގައި ޓޫރިޒަމް ފުޅާ ކުރުމަށް އިންޓަނޭޝަނަލް އެއާޕޯޓެއް އޮތުން މުހިންމު ކަމަށެވެ.
”ވިލިނގިލީގައި އަޅުގަނޑުމެންގެ ވިސްނުމުގައި މި އޮތީ މިތާ ކައިރީގައި މި އޮތް ފަޅު ހިމެނޭ ގޮތަށް ވިލިނގިލީގައި އިންޓަނޭޝަނަލް ފެންވަރުގެ އެއާޕޯޓެއް އަޅަން،“ މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވަނީ އިންޓަނޭޝަނަލް އެއާޕޯޓާއެކު ފަތުރުވެރިކަން ވެސް ފުޅާ ކުރައްވާނެ ކަމަށާއި އެއާއެކު އެ ސަރަހައްދަށް 10،000 އެނދު އިތުރުވެގެން ދާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
”މީގެ މާޒީއަށް ދާއިރުގައި ރައީސް ޔާމީންވެސް މި ތަސައްވަރު ކުރައްވާ، މި ވައުދު ތިބޭފުޅުންނަށް ވަނީ ވެވަޑައިގެންފައި، އެކަން ކުރެވޭނެ ގޮތްވެސް ކަނޑައެޅުއްވި،“ މުއިއްޒު ވިދާޅުވިއެވެ.
