ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ބޭނުންވާ ވޯޓު ކަރުދާސް މިއަދު އަތޮޅުތަކަށް ފޮނުވުމަށް ތައްޔާރުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް ރޭ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ޗެކްކޮށް ޕެކްކުރުމުގެ ހުރިހާ މަސައްކަތްތަކެއް ނިމިފައިވާ ކަމަށެވެ.

އެހެންވެ އަތޮޅުތަކަށް ސެކިއުރިޓީ ސާމާނު ޑިސްޕެޗް ކުރުމުގެ މަސައްކަތްތައް މާދަމާ ފެށޭނެ ކަމަށެވެ.

”މިގޮތުން އުތުރުގެ އަތޮޅުތަކަށް މާދަމާ އަދި ދެކުނުގެ އަތޮޅުތަކަށް 30 އޮގަސްޓުގައި، ދިވެހި ފުލުހުންގެ ހިދުމަތުގެ އެހީތެރިކަމާއެކު، އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުން، ޑިސްޕެޗް މަސައްކަތްތައް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައި،“ ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ އަތޮޅު ތެރެއަށް ގެންދާ ތަކެއްޗާ ހަވާލުވަނީ ސިޓީ ކައުންސިލް ނުވަތަ އަތޮޅު ކައުންސިލުގެ އިދާރާ އިން ކަމަށެވެ.

އަދި އަތޮޅު ތެރެއަށް ފޮނުވާ ތަކެތި ވަކިވަކި ރަށްތަކަށް ފޮނުވުމުގެ މަސައްކަތް ފަށަނީ ކުރިއަށް އޮތް ސެޕްޓެންބަރު ހަވަނަ ދުވަހު ކަމަށްވެސް ވިދާޅުވިއެވެ.