މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ 08 ކެންޑިޑޭޓުންގެ މެދުގައި ޕީއެސްއެމްއިން ބާއްވަން ނިންމި ރިޔާސީ ބަހުސް ކެންސަލް ކޮށްފިއެވެ.
މި ބަހުސް ބާއްވަން ނިންމީ އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ރޭގައެވެ. މި ބަހުސް އޮންނަރޭ، އެމްޑީޕީން މާލޭގައި ޖަލްސާއެއް ބާއްވަން ވަނީ ނިންމާފައެވެ. ބަހުސް ކެންސަލް ކުރަން ސަރުކާރުން ޕީއެސްއެމަށް ބާރު އެޅިކަން އެނގިފައިވެއެވެ.
ޕީއެސްއެމްއިން ނެރުނު ބަޔާނެއްގައި ބުނީ، އިންތިހާބަށް ކުރިމަތިލައްވާފައިވާ ހުރިހާ ކެންޑިޑޭޓުންނަށް ބައިވެރިވެވޭގޮތަށް މި ބަހުސް ބޭއްވުމަށް މަސައްކަތް ކުރިނަމަވެސް، ކެނޑިޑޭޓުން ބައިވެރިވެވަޑައިގަންނަވާ ކެމްޕެއިން ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާތީ މި ބަހުސްގައި ބައެއް ކެންޑިޑޭޓުންނަށް ބައިވެރިވެވެން ނެތްކަމަށެވެ.
އަދި އިންތިހާބަށް ވަގުތު ކުޑަތަންވެފައިވުމުން ޕީ.އެސް.އެމްގެ ބަހުސް ފަހުގެ ތާރީހަކަށް ބަދަލުކުރުމަކީ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެކަމެއްކަމަށް ދެކޭކަމަށެވެ.
އެހެންކަމުން ޕީއެސްއެމްގެ ބަހުސް ފަހުގެ ތާރީހަކަށް ބަދަލުކުރުމަކީ އެންމެ ރަނގަޅުގޮތް ނޫންކަމަށް ފެންނާތީ، މިހާރުވެސް ބަހުސެއް ރާވާފައިވާ ފަރާތަކާގުޅިގެން ބަހުސް ކުރިއަށްގެންދިއުމަށް ގަސްތުކުރާކަމަށް އެ ބަޔާނުގައިވެއެވެ. އެގޮތުން ސަންގު ޓީވީން ބާއްވާ ބަހުސްގައި ޕީއެސްއެމްއިން ޕާޓްނަރވެގެން ކުރިއަށްގެންދިއުމުގެ އިންތިޒާމްތައް ވަމުންދާކަމަށް ޕީއެސްއެމްއިން ބުނެއެވެ.
