މާލެއާއި ހުޅުލެއާއި ދެމެދު، ރައީސް ޔާމީންގެ ވެރިކަމުގައި އެޅި ސިނަމާލެ ބްރިޖަކީ އުއްމީދާއި، މުޅި ގައުމަށް އައި ކުރިއެރުން ދައްކުވައިދޭ ބްރިޖެއް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، އަދި އޭރުގެ ހައުސިން މިނިސްޓަރު، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިނަމާލެ ބްރިޖް ހުޅުވީ، މީގެ ފަސް އަހަރު ކުރިން، 2018 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 30 ‏ވަނަ ދުވަހުއެވެ.

ބުރިޖަށް ފަސ އަހަރު ފުރުމުގެ މުނާސަބަތުގައި ޑރ.މުއިއްޒު ކުރެއްވި ޓުވީޓުގައި ވިދާޅުވި މި ބުރިޖަކީ ރާއްޖެއާއި ޗައިނާއާއި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެތް ކަމަށެވެ.

އަދި މި ބުރިޖަކީ ރާއްޖޭގެ ތަރައްޤީގެ ބާނީ ރައީސް ޔާމީނާއި ޗައިނާގެ ރައީސްގެ ގާތް ގުޅުމާއި ތަރައްޤީގެ ތަސައްވަރު ވަރަށް ރަނގަޅަށް ފެންނަންހުރި އަލިގަދަ ހެއްކެތް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ސިނަމާލެ ބްރިޖްގެ ސަބަބުން މާލެ، ހުޅުލެ އަދި ހުޅުމާލެއާއި ދެމެދު ދަތުރު ކުރަން އެތައް ފަސޭހައެއް ވެގެން ދިޔައިރު، މި ބްރިޖާ ގުޅޭ ގޮތުން، އޭރުގެ ރައީސް ޔާމީން ވަރަށް ގިނަ ވާހަކަފުޅުތައް ދެއްކެވިއެވެ.

ބްރިޖް ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ، މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖަކީ އިގްތިސާދީ އާ ދޮރާއްޓެއްގެ އިތުރުން ތަރައްގީ އަށް ކުރާ ދަތުރުގެ މުހިއްމު ކާމިޔާބެއް ކަމަށެވެ.

”ދެންފަހެ، ފިޔާތޮށި ކުލައަކުން އާފާތު ޒީނަތްކޮށްފިއޭ. އެރި ފުސްވިލާތައް އުދަރެހުން މުސްތަގުބަލެއް ދައްކައިފިޔޭ،“

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ ޖުމްލަ އަގަކީ 210 މިލިއަން ޑޮލަރެވެ. އޭގެ ތެރެއިން ލޯނަކީ 68 މިލިއަން ޑޮލަރެވެ. ބާކީ އަކީ ހިލޭ އެހީއެވެ.

68 މިލިއަން ޑޮލަރުގެ ލޯނަކީ %2 ގެ އިންޓެރެސްޓް ރޭޓްގައި 20 އަހަރުން  ދައްކާ ގޮތަށް ނަގައިފައިވާ ލޯނެކެވެ.