ހިންދޫ ދީން ފަތުރަން ރާއްޖެއަށް އައި އެ ދީނުގެ ފާދިރީއެއް، ފުލުހުންގެ ހިމާޔަތުގައި ގެންދިޔަ މައްސަލައިގައި، ޝެއިހް އާދަމް ނިޝާން ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.
ޝެއިހް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، ލަސްނުކޮށް މި ޝިރުކު ފަތުރާ ބައިގަނޑު ބޭރުކުރަން ނުކުންނަން ގޮވައިލެއްވިއެވެ.
”މިހާ ފާޅުގައި ހިންދޫ ނަޖިސް މުޝްރިކުން އައިސް މިތަނުގައި ނުބައިވެގެންވާ ޝިރުކުގެ ޢަމަލުތައް މިހިންގަނީ، ވެރިކަމުގައި ތިބި ލާދީނީ ފަރާތްތަކުން މިކަންކަން ނުހުއްޓުވާ ވާގިދޭތީ ނޫންތޯ؟ މިފަދަ އެތައްކަމެއް މިދަނީ ތަކުރާރުވަމުން، އެޅުނު ފިޔަވަޅެއް ދެވުނު އަދަބެއް ނެތް.“ ޝެއިހް އާދަމް ނިޝާން ވިދާޅުވިއެވެ.
ހިންދޫ ދީނުގެ ފާދިރީއެއް އިންތިޒާމް ކޮށްގެން ބާއްވާ ދީނީ ހަރަކާތެއް މާލޭގެ ހޮޓަލެއްގައި ބާއްވަން ނިންމައި އެކަން އިއުލާނު ކުރި މައްސަލަ ވަނީ ހޫނުވެފައެވެ.
މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ޕޯސްޓަރު ތަކުން އެނގޭ ގޮތުން މި ކުލާސްތައް ބޭއްވުމަށް ހަމަޖެހިފައި އޮތީ މިއަދާއި މާދަމާއެވެ.
އަދި އޮފްލައިންކޮށް ގެންދާ މި ކްލާސްތަކުގައި ކިޔަވާދޭނެ ކަމަށް ބުނެފައިވަނީ ހިންދޫ ދީނުގެ ފާދިރީއެއް ކަމުގައިވާ ގަނޭޝް ޑުބޭ ނަމަކަށް ކިޔާ ގުރޫއެއް ކަމަށްވެސް އޭގައި ބުނެފައިވެއެވެ.
އަދި މި ހަރަކާާތް ކުރިއަށް ދާނީ އުނިމާ ގުރޭންޑުގައި ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ. މި މައްސަލަ ބަލައި، ފިޔަވަޅު އަޅަން ފުލުހުންނަށް ހުށަހަޅުއްވައިފައިވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.އަހްމަދު ޒާހިރު އަލީ ވަނީ ވިދާޅުވެފައެވެ.
