ޅ.ނައިފަރު 200 އަށް ވުރެ ގިނަ ޒުވާނުން ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް ތާއީދުކޮށް ރޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއަށް އަލަށް ސޮއިކޮށްފިއެވެ.

ނައިފަރުގައި އޮތް ޖަލްސާގައި ސޮއިކުރި ޒުވާނުންގެ ފޯމުތަކާއި ހަވާލުވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުއިއްޒު އާއި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމެވެ.

ޕީޕީއެމްއަށް ސޮއިކުރި ޒުވާނުންގެ ތެރޭގައި ކުރިން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގައި ހަރަކާތްތެރިވި ޒުވާނުންނާއި އަލަށް ޕާޓީއަކާއި ގުޅުނު ޒުވާނުން ވެސް ހިމެނެއެވެ.

ޑރ.މުއިއްޒު ވަނީ ޒުވާނުންގެ އުންމީދުތައް ހާސިލް ކުރުމުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ނައިފަރުގެ ޒުވާނުންގެ އާބާދީއަކީ ބޮޑު އާބާދީއަކަށް ވުމުން ނައިފަރު ޒުވާނުން ބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް ގާއިމް ކޮށްދެއްވާނެ ކަމަށް ވެސް ޑރ.މުއިއްޒު ވިދާޅުވިއެވެ.