އިދިކޮޅު ލީޑަރު، ރައީސް ޔާމީންގެ ތާއީދު، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުއަށް ނެތް ކަމަށް ދޭހަވާފަދަ މެސެޖެއް، ރައީީސް ޔާމީން ދެއްވި ކަމަށް ބުނެ އޮންލައިން ނޫސް ”އަދަދު“ގައި ފެތުރި ޚަބަރު، ރައީސް ޔާމީނާ އަރިސް،  ކުރީގެ ޗީފް އޮފް ސްޓާާފް އަހުމަދު މުސްތަފާ ދޮގު ކުރައްވައިފިއެވެ.

މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ނޫހުގައި ޝާއިއު ކޮށްފައި ވަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށާއި، ޑރ.މުއިއްޒު އަކީ ރައީސް ޔާމީން އެންޑޯޒް ކުރައްވައިފައިވާ ރިޔާސީ ކެންޑިޑޭޓް ކަމަށެވެ.

އަދި ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުން، ޑރ. މުއިއްޒުގެ ކެމްޕެއިން ކުރިއަށް ގެންދަނީ، ރައީީސް ޔާމީންގެ ފުރިހަމަ އިރުޝާދާއިއެކުގައި ކަމަށް ވެސް ވިދާޅުވިއެވެ.

ރައީީސް ޔާމީންގެ ތާއީދު ޑރ.މުއިއްޒުއަށް ނެތް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަ، ޕީއެންސީގެ ނައިބު ރައީީސް އިބްރާހީމް ޝުޖާޢު ވެސް ވަނީ ދޮގު ކުރައްވައިފައެވެ.

 

ރައީސް ޔާމީންގެ އެންމެ އިސް ޤާނޫނީ ވަކީލު، ޑރ.މުހައްމަދު ޖަމީލު އަހުމަދު ވެސް ވަނީ، ރައީސް ޔާމީން އެދިވަޑައިގަންނަވަނީ، ޑރ.މުއިއްޒުއަށް މިމަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކޮށްދިނުމަށް ކަމަށް ވިދާޅުވެފައެވެ.