މުޅި ރާއްޖެއަށް ވެސް އެންމެ ރަނގަޅީ އެމަނިކުފާނު ހޮވުން ކަމަށް ރައީީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހުގެ އުފަން ރަށް ކަމަށްވާ ޅ. ހިންނަވަރުގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަންނަ މަހުގެ ނުވަވަނަ ދުވަހު ވޯޓުލާއިރު 2018 ގެ ކުރިން އަދި އޭގެ ފަހުން ކަންކަން ވަމުންދިޔަ ގޮތް ވިސްނަންޖެހޭ ކަމަށާއި ހިންނަވަރުގެ ރައްޔިތުން މިހާރު ވެސް ތިބީ ގޮތް ނިންމައިގެން ކަމަށްވާއިރު އެ ނިންމުމަށް ދެން ބަދަލެއް ނާންނާނެ ކަމަށެވެ.

އެގޮތުން ފާދިއްޕޮޅުގެ ހުރިހާ ރައްޔިތުންނާއި މާލެ އުތުރުގެ ރަށްތަކާއި މާލޭގެ ރައްޔިތުން އަދި ދެކުނުގެ ހުރިހާ ރަށަކަށް ވެސް އެންމެ ރަނގަޅު ވާނީ އެމަނިކުފާނު އަދި ވެރިކަމުގައި ބަހައްޓައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މިހާތަނަށް ދެވުނު ރަށްތަކުން ފެންނަނީ ތަފާތު ބޮޑުކޮށް އެއްބުރުން މި އިންތިހާބު ކާމިޔާބު ކުރެވޭ މަންޒަރު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

”ހިންނަވަރު ރައްޔިތުންނަށް އަދިވެސް އެންމެ ރަނގަޅު ވާނީ އަޅުގަނޑު ހޮވައިގެން. ނައިފަރު ރައްޔިތުންނަށް ވެސް އެންމެ ރަނގަޅު ވާނީ އަޅުގަނޑު ހޮވައިގެން. ފާދިއްޕޮޅުގެ ހުރިހާ ރައްޔިތުންނަށް ވެސް އެންމެ ރަނގަޅު ވާނީ އަޅުގަނޑު ހޮވައިގެން. މުޅި މާލެ އުތުރު ހުރިހާ ރަށަކަށް ރަނގަޅު ވާނީ އަޅުގަނޑު ވެރިކަމަށް އައިސްގެން. މާލޭގެ ރައްޔިތުންނަށް ވެސް އެންމެ ރަނގަޅު ވާނީ އަޅުގަނޑު އަދި އެއް ފަހަރު ވެރިކަމުގައި ބަހައްޓައިގެން. އަދި ދެކުނުގެ ހުރިހާ ރަށަކަށް ވެސް ރަނގަޅު ވާނީ އަދި އެއް ފަހަރު އަޅުގަނޑު ވެރިކަމަށް ހޮވައިގެން،“ ރައީސް ވިދާޅުވިއެވެ.