ލ.ފޮނަދޫގެ ބިން ހިއްކާ އިގުތިސާދީ ނަފާ އަތޮޅައި ރަށަށް ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިފަދައިން ވައުދުވެވަޑައިގެންނެވީ، ފޮނަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ ފޮނަދޫގެ ބިން ހިއްކުމުގެ ބޭނުމަކީ އާބާދީ އެއްފަސް ކުރުން ކަމަށެވެ. އަދި އެހެން ރަށްރަށުން ހިޖުރަ ކުރަން ބޭނުންވާ މީހުންނަށް ފުރުސަތު ދިނުމުން ރަށަށް ތަރައްގީ އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފިނަމަ، ލ.އަތޮޅު ގާދޫގައި ޓްރާންޝިޕްމެންޓް ބަނދަރެއް ހައްދަވާނެ ކަމަށެވެ.
“ރާއްޖޭގެ އިގްތިސާދު އެރުވުމަށް، ގާދޫއަކީ ޓްރާންސްޝިޕްމަންޓް ބަނދަރަކާ ބަންކަރިންގ ފެލިސިޓީ ހިމެނޭ ތަނަކަށް ހަދައިދޭނަން. އަދި މި ރަށާއި ގާދުއާ ދޭތެރޭ ހިއްކައިގެން ރިސޯޓެއް ތަރައްޤީކޮށް، އެއްގަމު ކޯޒްވޭއަކުން ފޮނަދޫއާއި ރިސޯޓާއި ގާދޫ ގުޅުވަދޭނަން” މުއިއްޒު ވިދާޅުވިއެވެ.
