ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ތައްޔާރު ވަމުން އަންނަ ރިޔާސީ އިންތިހާބަށް ފުލުހުން ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އޮޕަރޭޝަން ކޮމާންޑާ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝާކިރު ވިދާޅުވީ އިންތިހާބަށް ފުލުހުން ކުރިއަށް ގެންދާ އެންމެ ފަހު ތަމްރީނު ވެސް މިއަދު މުޅި ރާއްޖޭގައި ކުރިއަށްދާނެ ކަމަށެވެ.
ޝާކިރު ވިދާޅުވީ އިންތިހާބުގެ ސަލާމަތީ ކަންކަން ވަރަށް ގާތުން ފުލުހުން ބަލަމުންދާނެ ކަމަށާއި ގާނޫނުތަކާއި ގަވައިދުތަކާ ހިލާފު ކަންކަން ހިނގާނަމަ އެކަންކަން ހުއްޓުވާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭން މިމަހުގެ އަށްވަނަ ދުވަހުގެ އިރުއޮއްސި 6:00ގެ ފަހުން ހުއްޓާލަން ޖެހޭތީ އިންތިހާބުތަކާ ގުޅޭ ގާނޫނުތަކުގައި މަނާކޮށްފައިވާ ކަންކަން އެ ވަގުތުން ފެށިގެން ނުކުރަން ޝާކިރު އެދިވަޑައިގެންނެވިއެވެ.
އަދި ވޯޓުލާ ދުވަހުގެ ކުރީ ރޭ މެންދަމު ބައެއް މީހުން ވޯޓުލާ މަރުކަޒުގެ ކައިރީގައި ކިޔު ހަދަން ފަށާކަން ފާހަގަކުރައްވާ ޝާކިރު ވިދާޅުވީ ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ކޮންމެ މީހަކަށްވެސް ވޯޓުލުމުގެ ފުރުސަތު ލިބޭނެތީވެ އެގޮތަށް މާކުރިން ނިކުމެ ކިޔު ނުހެދުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
މި ފަހަރުގެ އިންތިހާބުގައި 280،000އަށްވުރެ ގިނަ މީހުން ވޯޓުލާނެއެވެ.
