ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުއާ ގުޅޭގޮތުން، އަދާލަތު ޕާޓީގެ ރައީސް އައް ޝެއިހު އިމްރާން އިތުރުފުޅު ހައްދަވައިފިއެވެ.

”އުފާވެރި މާލެ“ މި ނަމުގައި އެމްޑީޕީން ރޭ ބޭއްވި ރިޔާސީ ކެމްޕެއިނުގެ ޖަލްސާގައި އިމްރާން ވަނީ ވަރަށް ބޮޑަށް މުއިއްޒުއަށް ފާޑުވިދާޅުވެ، މުއިއްޒުގެ ހިތްޕުޅަށް އަރާވަޑައިގަންނަވާ އެއްޗެހި ވެސް އެނގޭ ކަމަށް ދައުވާ ކުރައްވައި، އިދިކޮޅު ލީޑަރު، ”ރައީސް ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ބާއްވާނދޭވެ“ މިހެން މުއިއްޒު ހިތާ ހިތުން ދުއާ ކުރެއްވި ކަމަށް ވެސް ވިދާޅުވެއެވެ.

މުއިއްޒު އަށް ކާންދީ ބޯންދީ ބެލެހެއްޓީ އަދާލަތުން ކަމަށާއި، ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުގެ ސްލޮޓް، އެމްޑީއޭއަށް ދޭން ނިންމުމުން، މުއިއްޒު އަދާލަތުން ވަކިވެ، އެމްޑީއޭއާ ގުޅިވަޑައިގެން، މަގާމު ދެއްވާތޯ އާދޭސް ކުރެއްވި ކަމަށް އިމްރާން ވިދާޅުވިއެވެ.

އެމްޑީއޭގެ އޭރުގެ ލީޑަރު، އަދި މިހާރުގެ ރައީީސް އަހްމަދު ސިޔާމް އެކަން ކޮށްދެއްވުމުން،  އަނެއްކާވެސް ބޮޑު މަގާމެއް ބޭނުންވެގެން، މުއިއްޒު އެމްޑީއޭ ދޫކުރައްވައި ދެން ގުޅިވަޑައިގަތީ ޕީޕީއެމާ ކަމަށް އިމްރާން ވިދާޅުވިއެވެ.

ނަމަވެސް މިއީ ހަގީގަތެއް ނޫނެވެ. މުއިއްޒު ރައީީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގައި ވެސް ހުންނެވީ އެމްޑީއޭގެ މެމްބަރެއްގެ ގޮތުގައެވެ. ރައީސް ޔާމީނާއިއެކު ސިޔާސީ މަސައްކަތް ކުރުމަށް، މުއިއްޒު ޕީޕީއެމާ ގުޅިވަޑައިގަތީ 2018 ވަނަ އަހަރުގައި އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ނާކާމިޔާބު ލިބިވަޑައިގެންނެވި ފަހުންނެވެ.

ދީނީ އިލްމުވެރިޔާ، އިމްރާން ރޭގެ ޖަލްސާގައި ބޭނުން ކުރެއްވި ބަސްމަގަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ކުރީގެ ނައިބު ރައީީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ، އިލްމުވެރިން އެފަދަ ހުތުރު ބަސްތައް ބޭނުން ކުރައްވާނަމަ، އެކަމުގެ ސަބަބުން ނުކުންނާނީ ނުބައި ނަތީޖާއެއް ކަމަށެވެ.