އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންނާއި ނައިބުންނާއި ގުޅޭ ސައްހަ ނޫން ހަބަރުތައް ނުފެތުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް(އެމްއެމްސީ)އިން ގޮވާލައިފިއެވެ.
އެ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިހާރަކަށް އައިސް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންނާއި އެކެނޑިޑޭޓުންގެ ނައިބުންނާއި ގުޅޭގޮތުން ސައްޙަ ނޫން ޙަބަރުތައް ފަތުރާ ކަމުގެ ޝަކުވާ އެކައުންސިލަށް ލިބެމުންދާ ކަމަށެވެ.
އެހެން ކަމުން ’ދިވެހި މީޑިއާގެ އަހްލާގީ މިންގަނޑު“ ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުގެ ތެރެއިން ރިޔާސީ އިންތިހާބުގައި، ކެމްޕެއިން ހަބަރުތައް ގެނެސް ދިނުމަށާއި، ކެނޑިޑޭޓުންނާއި ކެނޑިޑޭޓުންގެ ނައިބުންނާއި ގުޅޭގޮތުން ދޮގު ވާހަކަ ނުފެތުރުމަށް މިޑީއާ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
ކައުންސިލުންގެ ބަޔާނުގައި ވަނީ މީޑިއާގައި ޝާޢިއު ކުރާ މައުލޫމާތަކީ، އިންސާފުވެރިކަމާއި ތެދުވެރިކަމާއި އެކު ފޯރުކޮށްދެވޭ މައުލޫމާތުކަން ގަބޫލު ކުރުމުގެ ހައްޤު އާންމުންނަށް ލިބިގެންވާ ކަމަށެވެ.
އަދި އެފަދަ މައުލޫމާތު ޝާއިއު ކުރާއިރު އާންމު ފަރުދުންނަށް ލިބިގެންވާ އަމިއްލަ މިނިވަންކަމުގެ ދައިރާއަށް ހުރުމަތްތެރިކޮށް ހިތޭގޮތަށް އެފަރާތްތަކަށް ދޭންވާ ގަދަރާއި އިހުތިރާމު ދޭން ޖެހޭނެ ކަމަށް ކައުންސިލުން ބުނެއެވެ.
ކައުންސިލުން ވަނީ މިއުސޫލަށް ނޫސްވެރިން ރިޔާސީ އިންތިހާބުގެ ތެރޭގައިވެސް ތަބަޢުވާން ޖެހޭއިރު، އުސޫލަށް އިހުތިރާމްކޮށް ”އެންޓި ކެމްޕެއިން“ އާއި މުޅިން ދުރުހެލިވާން ޖެހޭ ކަމަށެވެ.
މިޑީއާ ކައުންސިލުންވަނީ މިފަދަ ހަބަރާއި މައުލޫމާތު ފަތުރާނަމަ، މީޑިއާ ކައުންސިލަށް ލިބިގެންވާ އިހުތިސާސްގެ ދަށުން އެފަދަ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން ޖެހޭ ނަމަ ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައެވެ.
