މި މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ނަގާ ވޯޓުގެ ސިއްރުކަން ކަށަވަރުކުރުމަށްޓަކައި ކަޅު ނުވަތަ ނޫކުލައިގެ ގަލަމަކުން އެކަނި ފާހަގަޖެހޭ ގޮތަށް އިލެކްޝަންސް ކޮމިޝަން(އީސީ) އިން ނިންމައިފިއެވެ.
އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ގައުމީ ލަފާދޭ ކޮމިޓީގެ ތިން ހުށަހެޅުމެއް އެ ކޮމިޝަނުން އިއްޔެ ފާސްކޮށްފައިވާ ކަމަށެވެ.
އެއީ ފާހަގަޖަހަން އަމިއްލަ ގަލަމެއް ގެންނަ ކަމުގައިވާނަމަ ކަޅު ނުވަތަ ނޫކުލައިގެ ގަލަމަކަށް ވުމެވެ.
އެ ނޫން ކުލައަކުން ފާހަގަ ޖަހައިފިނަމަ އެއީ ބާތިލު ވޯޓެއް ކަމަށް ބަލާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.
އަދި ވޯޓު ކަރުދާހުގައި ޖަހާ ފާހަގައަކީ އެންމެ ފާހަގައެއް ކަމަށްވާންޖެހޭނެ ކަމަށާއި ކަރުދާހުގައި އިތުރު އެއްވެސް ކުރެހުމެއް ކުރަހާފައިވާނަމަ އެއީ ވެސް ބާތިލު ވޯޓެއް ކަމަށް ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ވޯޓުލާ ބޫތު ހުންނާނީ ފާހަގަ ޖަހާ މީހާ ފުރަގަހުން އީސީގެ މޮނިޓަރުންނަށް ފެންނަ ގޮތަށް ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.
