މި ސަރުކާރު ބަދަލު ކުރަން ޖެހެނީ، މުހިންމު އެންމެ ސަބަބަކާއި ހުރެ ކަމަށާއި، އެއީ ދިވެހިރާއްޖޭގެ މިނިވަންކަން ހިމާޔަތް ކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ރޭ ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިނުގައި، ރޭ އދ.މަހިބަދޫގައި ވަނީ ޖަލްސާއެއް ބާއްވާފައެވެ. މި ޖަލްސާގައި ތޯރިގު ވިދާޅުވެދެއްވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމުމަކަށް ގެންނަން ޖެހޭ އެންމެ މުހިންމު ސަބަބެވެ. އެއީ މިނިވަންކަން ދިފާއު ކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާގެ ވާހަކައިގައި 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު، ހައްޔަރުގައި ތިބި ސިޔާސީ ބޭފުޅުންތަކެއް ދޫކޮށްލަން ސުޕްރީމް ކޯޓުން އަމުރު ނެރުނީ، އިންޑިއާގެ ނުފޫޒުން ކަމަށް ވިދާޅުވެ، އެއީ ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން ކުރި ކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.
”އެ ހުކުމަށްފަހު، ރައީީސް ޔާމީންގެ ވެރިކަން ނިންމާ ނުލެވުނީމާ، އިލެކްޝަންސް ކޮމިޝަނުގައި ހުރި ޝަރީފު ކިޔާ މީހެއް ލައްވައި، ވޯޓު އޮޅުވާލައިގެން، އިންޑިއާ އަޑީގައި އޮވެގެން، އެ އިންތިހާބު ވަގަށް ނެގީ.“ ތޯރިގު ވިދާޅުވިއެވެ.
ތޯރިގު ވިދާޅުވީ އިންޑިއާއާއިއެކުގައި މި ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް ހާމަ ކުރެވޭތޯ، މަޖިލީހުގެ ތެރެއިން ވަރަށް މަސައްކަތް ކުރެވުނު ކަމަށާއި، އޭގެ ތެރޭގައި، އުތުރުތިލަފަޅުގެ އެއްބަސްވުން ހިމެނޭ ކަމަށެވެ.
